ޚަބަރު
އިޓަލީގެ ބޮޑު ކްރޫޒްލައިނާރއެއް 2،650 ފަތުރުވެރިންނާއެކު ރާއްޖެއަށް

އިޓަލީގެ ބޮޑު ކްރޫޒްލައިނާރ ފޮޓޯ:ކަސްޓަމްސް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް މިވަނީ ލިބިފައެެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އިޓަލީގެ ކްރޫޒްލައިނާއެއް ކަމުގައިވާ އެމްއެސް އައިޑާ ސްޓެލާ ނަމަކަށް ކިޔާ ކްރޫޒްލައިނާއެއް 2،650 ފަތުރުވެރިންނާއެކު ރާއްޖެއަށް އައިސްފިއެވެ. މިއީ މިމަހު ރާއްޖެއަށް އައި ދެވަނަ ކްރޫޒްލައިނާއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކްރޫޒްލައިނާގައި ދަތުރުކުރި 2،650 ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 2،022 ފަސިންޖަރުންނާއި 628 ކްރޫ މެންބަރުންނެވެ. މި ކްރޫޒްލައިނާ ރާއްޖެއަށް އައިސްފައިވަނީ ލަންކާގެ ކޮލޮމްބޯ ބަނދަރުންނެވެ. އަދި މިއީ ސްވިޒަލޭންޑާއި، އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން އޮޕަރޭޓްކުރާ ކްރޫޒްލައިނާއެކެވެ.
ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ޒިޔާރަތްކުރެއެެވެ. އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 10 ވަނަ ކްރޫޒްލައިނާއެވެ.
މީގެ ކުރިން، މިމަހުގެ 4 ވަނަ ދުވަހު އިންޑިއާގެ 'އެމްއެސް ނޯޓިކާ' ނަމަކަށް ކިޔާ ކްރޫޒްލައިނާއެއް ވަނީ ރާއްޖެއަށް އައިސްފައެވެ. އެ ކްރޫޒްލައިނާއިން 610 ފަތުރުވެރިންނާއި 397 ކްރޫ މެންބަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އަދި މިދިޔަ މާރިޗު މަހު އޮޝެނިއާ ކްރޫޒަސް ކުންފުނީގެ 'އެމްއެސް އިންސިގްނިއާ ލަގްޒަރީ' ކްރޫޒްލައިނާވެސް ވަނީ ރާއްޖެއަށް އައިސް، ހާހެއްހާ ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ.
Inward clearance was granted to Passenger Liner MS. Aida Stella 🇮🇹, which arrived in the Maldives this morning from Colombo, 🇱🇰 .
— Maldives Customs Service (@CustomsMv) May 14, 2025
A total of 2022 passengers and 628 crew members were onboard. pic.twitter.com/TwzVM1B024
ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނަރތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް 897،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.