Ads by Aqeeqa Maldives

ޚަބަރު

ފީފާގެ އެއް މިލިއަން ޑޮލަރު ގެއްލުނު މައްސަލަ: މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓުގެ ފައިސާއަށް ވީގޮތް ނޭނގޭކަމަށް ފީފާއިން ބުނެފި

ފީފާގެ އެއް މިލިއަން ޑޮލަރު ގެއްލުނު މައްސަލަ: މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓުގެ ފައިސާއަށް ވީގޮތް ނޭނގޭކަމަށް ފީފާއިން ބުނެފި

މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ތަރައްގީކުރަން ފެށި ސްޕޯޓްސް އެރީނާ ބިންގާއެޅުން ފޮޓޯ: ފުޓްބޯލް އެސޯސިއޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2025، 10:35

15 މޭ 2025، 10:35

ކުރީ ސަރުކާރުން މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ތަރައްގީކުރަން ފެށި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ފީފާއިން ދިން ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ވީގޮތް ފެންނާން ނެތް ކަމުގެ ކަންބޮޑުވުން ފީފާގެ ގާނޫނީ ޓީމުން ފާހަގަކޮށްފިއެވެ.

މި މައްސަލަ ފާހަގަކުރެވުނީ ކުރީގެ އެފްއޭއެމް ރައީސް ބައްސާމް އަދީލްގެ މައްޗަށް ފީފާއިން ކުރިމަތިކުރި 9 މަސްދުވަހުގެ ސަސްޕެންޝަން އިސްތިއުނާފުކުރުމަށް ބައިނަލްއަގުވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓު  ގައި ބޭއްވުނު އަޑުއެހުމުގައެވެ.

ފީފާގެ ފޯވާޑް  ޕްރޮގްރާމްގެ ދަށުން މި ޕްރޮޖެކްޓަށް 1.480 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ) ޚަރަދުކުރަން ނިންމާފައިވާއިރު، މި ޕްރޮޖެކްޓްގެ ބިންގާ އެޅީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެހެންނަމަވެސް، ފީފާގެ ވަކީލުން ބުނާގޮތުގައި މި ފައިސާގެ ތެރެއިން 1.036 މިލިއަން ޑޮލަރަށް ވީގޮތް އަދިވެސް ނޭނގެއެވެ.

ޕްރޮޖެކްޓްގެ މަސައްކަތް ފުރަތަމަ ހަވާލުކުރެވުނު ޓިބޯރާ ޕްރައިވެޓް ލިމިޓެޑަށް 444,000 ޑޮލަރު ދީފައިވާކަން އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓުން އެނގޭކަމަށް ފީފާގެ ވަކީލުން ކޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، ބާކީ ފައިސާ ޚަރަދުކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާކަމަށް ފީފާއިން ބުނެއެވެ.

ބައްސާމްގެ ފަރާތުން ބުނެފައިވަނީ ޓިބޯރާއަށް ފައިސާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ފީފާގެ ހުއްދައާ ޚިލާފަށް އެރީނާގެ ގްރައުންޑް ފްލޯގައި މިހާރު ގުދަންތަކެއް ހަދާފައިވާކަންވެސް ފީފާގެ ވަކީލުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކާސްއިން މިދިޔަ ފެބްރުއަރީ މަހު ހުކުމްކޮށްފައިވަނީ ބައްސާމާ ދެކޮޅަށެވެ. އަދި އޭނާގެ މައްޗަށް ކުރިމަތިކުރި 9 މަސްދުވަހުގެ ސަސްޕެންޝަން ދެމެހެއްޓުމަށް ނިންމާފައިވެއެވެ. މި ސަސްޕެންޝަންގެ މުއްދަތު ނިމިފައިވަނީ މިދިޔަ މާރިޗު މަހުގައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS