Ads by Aqeeqa Maldives

ޚަބަރު

7.4 މިލިއަން ޑޮލަރުގެ %95 އަކީ ވީއެލްއެސްއެފްއޯ ބަންކަރ ކޮށްގެން ހޯދި ފައިސާ،މިހާރު އެ ޓްރެފިކް ދަނީ އިތުރުވަމުން:ވަޒީރު ސަޢީދު

7.4 މިލިއަން ޑޮލަރުގެ %95 އަކީ ވީއެލްއެސްއެފްއޯ ބަންކަރ ކޮށްގެން ހޯދި ފައިސާ،މިހާރު އެ ޓްރެފިކް ދަނީ އިތުރުވަމުން:ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ފޮޓޯ:ޕީއެންސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2025، 10:14

15 މޭ 2025، 10:14

ރާއްޖެއަށް މުޅިން އަލަށް ގެނެވުނު ތެލުގެ ބާވަތެއް މެދުވެރިކޮށް ބަންކަރިންގ އިން ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރޭ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެއަށް މުޅިން އަލަށް ގެނެވުނު ލޯ ސަލްފަރ އޮއިލް (ވީއެލްއެސްއެފްއޯ) މެދުވެރިކޮށް ފެބްރުއަރީ މަހުގެ ނިޔަލަށް 7.4 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ ބަންކަރިންގ އިން ލިބުނު އާމްދަނީގެ 95 އިންސައްތައެވެ.

ފަސް މަހާއި ދުވަސްކޮޅެއް މިވީ. އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު. ކުޑައެއް ނޫނޭ މިދެންނެވީ ވީއެލްއެސްއެފްއޯ، ނުވަތަ ލޯ ސަލްފަރ އޮއިލް ދިވެހިރާއްޖެއަށް މުޅިން އަލަށް؛ މީގެ ކުރިން ދުވަހަކުވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ 95% އަކީ ވީއެލްއެސްއެފްއޯ ބަންކަރ ކޮށްގެން ހޯދި ފައިސާ. މިހާރު އެ ޓްރެފިކް ދަނީ އިތުރުވަމުން  

ވަޒީރު ސައީދު

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ޤާނޫނުތައް ގެނެސް، ދައުލަތުގެ ތެރެއިން އިންތިޒާމުތައް  ވަރުގަދަކޮށް މި މަސައްކަތް އިތުރަށް ފުޅާކުރުމެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އެފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސް އެޅުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ޤައުމުގެ މާލީ ހާލަތު އަނދަވަޅެއްގައި އޮތް ނަމަވެސް، މިހާރު އެ ހާލަތު ވަނީ ބަދަލުކުރައްވާފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ރަށްރަށުގެ ރައްޔިތުންވެސް ބަލައިގަންނަ ކަމަށާއި، ޕީއެސްއައިޕީ މަޝްރޫޢުތައްވެސް ކުރިއަށް ގެންދަނީ ރޭވުންތެރިކަމާއެކު ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމުގައި ވަޒީރުންނަށް ކުރަންޖެހޭ ކަންކަމުގެ ތަރުތީބު މިއަދުގެ ސަރުކާރަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބަލާއިރު، މި ކުރު މުއްދަތުގެ ތެރޭގައި މީގެ ކުރިން އެއްވެސް ވެރިއަކަށް ނުކުރެވޭ ވަރަށް މަސައްކަތް ކުރައްވާފައިވެއެވެ.

ޖުމްލަ ގޮތެއްގައި، ވަޒީރު ސައީދުގެ ވާހަކަފުޅުން ފާހަގަކުރެވުނީ ސަރުކާރުން ބަންކަރިންގ ދާއިރާއަށް ގެނެސްފައިވާ އައު ބަދަލުތަކާއި، އޭގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ފައިދާތަކެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ވެރިކަމުގައި ޤައުމުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ސަރުކާރުގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށްވެސް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS