ދުނިޔެ / ޚަބަރު
ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ގެފުޅުގެ ކިސްވާ އުފުލާލައިފި

މައްކާގައި ހުންނަ މަސްޖިދުލް ހަރާމްގެ ކައުބާ
މައްކާގައި ހުންނަ މަސްޖިދުލް ހަރާމްގެ ކައުބާގެ ކިސްވާގެ ތިރީ ބައި އުފުލާލުމުގެ މަސައްކަތް ނިންމާލައިފިކަމަށް ސަޢޫދީ އަރަބިއްޔާގެ ދެ ހަރާމައިންގެ ކަންތައްތައް ބަލަހައްޓާ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ 1446 ހިޖުރީ އަހަރުގެ ހަޖުގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.
އިޝާ ނަމާދަށްފަހު އަންގާރަ ދުވަހުގެ ރޭ ކުރެވުނު މި މަސައްކަތުގައި، ކަޅު ފޮތިން ހެދިފައިވާ ކިސްވާގެ ތިރީ ބައި ގާތްގަނޑަކަށް 3 މީޓަރު އުސްމިނަށް އުފުލާލެވުނެވެ. އަދި އޭގެ ބަދަލުގައި 2.5 މީޓަރު ފުޅާމިނާއި 54 މީޓަރު ދިގުމިނުގެ އިޚްރާމްފދަ ހުދު ކޮޓަން ފޮއްޗެއް ބޭނުންކޮށްގެން ކައުބާގެ ހަތަރު ފަރާތް ވަށައިގެން ނިވާކުރެވުނެވެ.
تعكس هذه الأعمال العناية الكبيرة التي توليها القيادة الرشيدة بالحرمين الشريفين، وتم الانتهاء من رفع الكسوة، سائلين الله القبول للجميع.#كسوة_الكعبة_المشرفة#المسجد_الحرام pic.twitter.com/loFWkQYIPp
— الهيئة العامة للعناية بشؤون الحرمين (@AlharamainSA) May 13, 2025
މި މަސައްކަތް ކުރީ ކިންގް އަބްދުލް އަޒީޒް ކޮމްޕްލެކްސްގެ 36 ސަޢޫދީ ޓެކްނީޝަނުންގެ ޓީމަކުންނެވެ. އަދި މި މަސައްކަތުގައި 10 ކްރޭން ބޭނުންކުރެވުނެވެ. މި މަސައްކަތުގައި ކިސްވާގެ ތިރީ ބައި ނައްޓާލުމާއި، ތިރީގައި އޮންނަ ވާ ނެގުމާއި، ފޮތި މައްޗަށް އޮޅާލުމާއި، އަދި ހުދު ފޮތީގެ މަތީގައި ބައްތިތައް ހަރުކުރުން ހިމެނެއެވެ.
މި މަސައްކަތް ކުރަނީ ކޮންމެ އަހަރަކުވެސް ހަޖުގެ މޫސުމުގައި މިލިއަނުން މީހުން ޠަވާފު ކުރާއިރު ކިސްވާއަށް ގެއްލުން ނުލިބޭނެ ގޮތަށް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އައު ކިސްވާއެއް އެޅުވޭނީ 1447 ހިޖުރީ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހުއެވެ.
تُجسّد أعمال رفع كسوة الكعبة المشرفة 🕋 مظاهر العناية التي توليها القيادة الرشيدة -حفظها الله– للحرمين الشريفين، وتُعد أحد الأعمال التي تسبق موسم الحج كل عام
— م. غازي بن ظافر الشهراني (@ghazishahrani) May 13, 2025
نسأل الله أن ييسر على الحجاج حجهم، وأن يديم على بلادنا نعمة الشرف العظيم في خدمة #المسجد_الحرام و #المسجد_النبوي. pic.twitter.com/vMTb3GTU5r
ކިސްވާ އުފައްދަމުން އަންނަނީ 1962 ވަނަ އަހަރުން ފެށިގެން މައްކާގައި ހުންނަ ކިސްވަތުލް ކައުބާ ފެކްޓަރީގައެވެ. މި ފެކްޓަރީ ހިންގަނީ ސަޢޫދީ ސަރުކާރުންނެވެ. ބޭނުންކޮށްފައިވާ ކިސްވާ ނެއްޓުމަށްފަހު ކުދި ކުދި ބައިތަކަށް ކަފާލައި، ޚާއްޞަ ފަރާތްތަކަކަށާއި ޖަމްޢިއްޔާތަކަށް ހަދިޔާ ކުރެވެއެވެ.