ސައިންސް

ތައިރޮއިޑް ހޯމޯނުގެ އިތުރުވުން އުމުރުން ދުވަސްވީ މީހުންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަން ދިރާސާތަކުން ހާމަވެއްޖެ

ތައިރޮއިޑް ހޯމޯނުގެ އިތުރުވުން އުމުރުން ދުވަސްވީ މީހުންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަން ދިރާސާތަކުން ހާމަވެއްޖެ

ތައިރޮއިޑް ގްލޭންޑް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2025، 02:18

14 މޭ 2025، 02:18

ތައިރޮއިޑް ހޯމޯން އިތުރުވުން، ޚާއްޞަކޮށް ހައިޕަރތައިރޮއިޑިޒަމްގެ ހާލަތްތަކުގައި، އުމުރުން ދުވަސްވީ މީހުންގެ ސިކުނޑީގެ އަދި ނާރުތަކުގެ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރާކަން ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވެއްޖެއެވެ. މި ހޯދުންތައް ވަނީ "ދަ ޖާނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމް" އަދި "ހާވަރޑް ހެލްތް" ގައި ޝާއިޢުކޮށްފައިވާ ރިޕޯޓުތަކުގައި ހާމަކޮށްފައެވެ.

ކަރުގައި ހުންނަ ތައިރޮއިޑް ގްލޭންޑުން އުފައްދާ ޓީ3 އަދި ޓީ4 ހޯމޯނުތަކަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯމޯނުތަކެކެވެ. މި ހޯމޯނުތައް އިތުރަށް އުފެދޭ ހާލަތްތަކުގައި، ހަށިގަނޑުގެ ނިޒާމުތަކަށް، އޭގެ ތެރޭގައި ސިކުނޑިއަށްވެސް، ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

އުމުރުން ދުވަސްވީ މީހުންގެ ތައިރޮއިޑް ހޯމޯނު އިތުރުވުމުގެ ސަބަބުން އާންމުކޮށް ކުރިމަތިވާ ނަފްސާނީ އަދި ވިސްނުމުގެ ނިޒާމަށް ކުރާ އަސަރުތަކުގެ ތެރޭގައި ކަންބޮޑުވުން، ހަނދާން ދަށްވުން، ރުޅިއައުން އަދި ހިތްހަމަނުޖެހުން، ނިދި ނުލިބުން، ސިކުނޑި ނޔތަނަވަސްވެ ކަންކަން އޮޅުން، ކަންބޮޑުވުން އަދި ނަފްސާނީ ގޮތުން ދަތިތައް ކުރިމަތިވުން، އަދި ހިތުގެ ވިންދު އަވަސްވެ އުނދަގޫވުން ހިމެނެއެވެ.

މި އަލާމާތްތަކަކީ ބައެއް ފަހަރު ޑިމެންޝިއާ ނުވަތަ އަލްޒައިމާސް ބަލީގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކަކަށްވުމުގެ ސަބަބުން، ބައެއް ފަހަރު ބަލި ދެނެގަތުމަށް ދަތިވެއެވެ. ނަމަވެސް، މައްސަލައަކީ ހަމައެކަނި ހޯމޯނުގެ ބަލަންސް ގެއްލިފައިވުން ކަމުގައިވެސް ވެދާނެއެވެ.

މި ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޚާއްޞަކޮށް 60 އަހަރުން މަތީގެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ތައިރޮއިޑް ހޯމޯނުގެ ބެލަންސް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ފެންނަ ގިނަ ނަފްސާނީ މައްސަލަތަކުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބަކަށް ތައިރޮއިޑްގެ މައްސަލަތައް ވެދާނެކަމަށް މި ދިރާސާތަކުން ފާހަގަކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS