ސައިންސް
ކާޅުގެ ހުނަރުވެރިކަން ސައިންސްވެރިން ހައިރާންކޮށްލައިފި

ކާޅުގެ ހުނަރުވެރިކަން ދެނެގަތުމަށް ސައިސްވެރިން ތަފާތު ތަހުލީލްތައް ވަނީ ކުރިއަސް ގެންގޮއްސަ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ ދިރާސާތަކުން ކާޅުގެ ހުނަރުވެރިކަން އިތުރަށް ހާމަވަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ޖަރުމަނުވިލާތުގެ ޓިއުބިންގެން ޔުނިވަރސިޓީން ފަހުން ކުރި ދިރާސާއަކުން ކާޅަށް "ޖިއޮމެޓްރިކް" ވައްތަރުތައް ދެނެގަނެވޭކަން ހާމަވެފައިވެއެވެ.
މި ދިރާސާގައި ދެ ކާޅަކަށް ކޮމްޕިއުޓަރ ގޭމެއް މެދުވެރިކޮށް އެކި ބާވަތުގެ ޖިއޮމެޓްރިކް ވައްތަރުތައް ދައްކައި، އެ ވައްތަރުތައް ދެނެގަތުމުގެ ޓެސްޓުތަކެއް ހަދާފައިވެއެވެ. މި ޓެސްޓުތަކުގައި ހަތަރެސްކަން، ތިނެސްކަން އަދި އެހެނިހެން ޖިއޮމެޓްރިކް ވައްތަރުތައް ދެނެގަތުމަށް ކާޅުތަކަށް ޖެހުނެވެ. ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ޓެސްޓުތައް އުނދަގޫވަމުން ދިޔަ ނަމަވެސް ކާޅުތައް މި ޓެސްޓުތަކުން ފާސްވިއެވެ.
މީގެ ކުރިން ނޮވެމްބަރު 2024 ގައި ވޮޝިންގްޓަން ޔުނިވަރސިޓީން ކުރި ދިރާސާއަކުން ކާޅަށް އިންސާނުންގެ މޫނު ހަނދާން ބެހެއްޓޭކަން ހާމަވެފައިވެއެވެ. މި ދިރާސާގައި ޕްރޮފެސަރ ޖޯން މާޒްލަފް ބިރުވެރި މާސްކެއް އަޅައިގެން ކާޅުތަކެއް ހިފައި ދޫކޮށްލުމަށްފަހު، އެ މާސްކް އަޅައިގެން ކާޅުތަކާ ކުރިމަތިލުމުން ކާޅުތައް އަދާވާތްތެރި ސިފަތައް ދައްކާފައިވެއެވެ.
މޭ 2024 ގައި ޓިއުބިންގެން ޔުނިވަރސިޓީން ކުރި އަނެއް ދިރާސާއިން ކާޅަށް އެކަކުން ހަތަރަކަށް ގުނަން އެނގޭކަންވެސް ހާމަވެފައިވެއެވެ. މި ދިރާސާގައި ކާޅުތައް ސްކްރީނެއްގައި ދައްކާ ނަންބަރުތަކާ އެއްވަރަށް ކާކާކިޔުމުގެ ޤާބިލުކަން ލިބިފައިވާކަން ފާހަގަކުރެވުނެވެ.
މި ދިރާސާތަކުން ދައްކާގޮތުގައި ކާޅަކީ ކުރިން ޤަބޫލުކުރެވުނު ވަރަށްވުރެ މާ ހުނަރުވެރި ދޫންޏެކެވެ. އަދި މި ދިރާސާތަކުން ކާޅުގެ ހުނަރުވެރިކަމާއި ވިސްނުންތެރިކަން އިތުރަށް ހާމަވެގެން ގޮސްފައިވެއެވެ.