ޚަބަރު
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް ފަށައިފި

އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރސް ތަކެއް ރާއްޖޭގައި ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް ފަށައިފިއެވެ. "ޓާޓާބައި މޯލްޑިވްސް ރޯޑްޝޯ" ގެ ނަމުގައި ބާއްވާ މި ރޯޑް ޝޯ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ އެންޑޯޒްކޮށްފައެވެ.
މި ރޯޑް ޝޯ އަކީ ރާއްޖޭގެ މަޝްހޫރު ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީއެއް ކަމަށްވާ ޓާޓާބައި މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ރޯޑްޝޯގެ މައިގަނޑު އަމާޒަކީ، މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
މި ރޯޑް ޝޯ ކުރިއަށްދަނީ މި މަހުގެި މަހުގެ 12 އިން 16 އަށް އިންޑިޔާގެ ހަތަރު ސިޓީއެއްގައެވެ. އެގޮތުން، މި މަހުގެ 12 ވަނަ ދުވަހު ކޮޗިންގައި އަދި 13 ވަނަ ދުވަހު ކޮއިމްބަތޫރުގައި ރޯޑް ޝޯ ބާއްވާފައިވެއެވެ. އަދި 15 ވަނަ ދުވަހު ހައިދަރުއާބާދުގައި އަދި 16 ވަނަ ދުވަހު ބެންގަލޫރުގައި ރޯޑް ޝޯ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރޯޑް ޝޯގެ ކޮންމެ ހަރަކާތަކަށްވެސް 100 އަށްވުރެ ގިނަ އެޖެންޓުންނަށް ދަޢުވަތު ދެވި، ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީގެ މަންދޫބުންނާ މުޢާމަލާތްކުރުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
މި ރޯޑް ޝޯއާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެފައިވަނީ، މިއީ އިންޑިޔާގެ ބޮޑެތި ސިޓީތަކުގެ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މި ރޯޑްޝޯގެ ސަބަބުން ލަގްޒަރީ ވެޑިންގް އަދި ވިޔަފާރީގެ ދަތުރުތަކަށް ޝައުޤުވެރިވާ އިންޑިޔާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ ކަމުދާ އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓާޓާބައި މޯލްޑިވްސް ރޯޑްޝޯއަކީ ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީއަކުން އިންޑިޔާގެ މާކެޓުގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އެއް ރޯޑްޝޯއެވެ. މި ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު 22 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.
އިންޑިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިއަހަރުގެ މެއި މަހުގެ 11 ގެ ނިޔަލަށް އިންޑިޔާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 5.3 އިންސައްތައެވެ.
މި ރޯޑް ޝޯ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އިންޑިޔާގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖޭގެ ހިއްސާ އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިޔާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ދާއިރާތަކާއި އިންޑިޔާގެ ޓްރެވަލް އޭޖެންޓުންނާ ދެމެދު ގުޅުން ބަދަހިކުރުމަށްވެސް މި ރޯޑް ޝޯއިން މަގުފަހިވެގެންދާނެއެވެ.