ދުނިޔެ
ފަތްކޭލުގެ މުސްތަޤްބަލަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާވަނީ

ފަތްކެޔޮ ހައްދާ ދަނޑުވެރިއެއްގެ ދަނޑުގައި ފެން ބޮޑުވެފައި
ދުނިޔޭގެ އެންމެ މަޤްބޫލު މޭވާ ކަމުގައިވާ ފަތްކެޔޮ ނުވަތަ ދޮންކޭލުގެ މުސްތަޤްބަލަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާވަމުންދާކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާގޮތުގައި ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަޙައްދުތަކަކީ ދޮންކެޔޮ އުފެއްދުމަށް އެކަށީގެންވާ ތަންތަނަށް ނުވަމުން އަންނަކަމަށް ފާހަގަކޮށްފައިވެއެވެ.
މިހާރު ދުނިޔޭގެ ދޮންކެޔޮ އުފެއްދުމުގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަޙައްދުތަކުންނެވެ. ނަމަވެސް، މޫސުމީ ބަދަލުތަކުގެ ސަބަބުން 2050 ވަނަ އަހަރާ ހަމައަށް އައުމުން މި ސަރަޙައްދުތަކަކީ ދޮންކެޔޮ އުފެއްދުމަށް އެކަށީގެންވާ ތަންތަނަކަށް ނުވާނެކަމަށް ދިރާސާއިން ހާމަކޮށްފައިވެއެވެ.
ހޫނުމިން އިތުރުވުމާއި، މޫސުމީ ބަދަލުތަކުގެ ހައްދުފަހަނައަޅާ ދިއުމާއި، އަދި އެކަމާ ގުޅުންހުރި ގޮންޖެހުންތަކުގެ ސަބަބުން މިހާރުވެސް ގުއަޓެމާލާ، ކޮސްޓާ ރިކާ އަދި ކޮލޮމްބިއާ ފަދަ ޤައުމުތަކުގެ ދޮނެކެޔޮ އުފެއްދުމަށް އަސަރުކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ދޮންކޭލަކީ ދުނިޔޭގައި އެންމެ ގިނައިން ކެވޭ މޭވާ ކަމަށާއި، ގޮދަން، ހަނޑޫ އަދި ހަކުރަށް ފަހު ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުހިންމު ކާބޯތަކެތީގެ ގޮތުގައި ހިމެނޭ އެއްޗެއްކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ 400 މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ދުވާލަކަށް ބޭނުންވާ ކެލެރީގެ 15 އިން 27 އިންސައްތަ ހޯދަނީ ދޮންކޭލުންކަން ދިރާސާއިން ހާމަކޮށްފައިވެއެވެ.
ދުނިޔޭގަ ދޮންކެޔޮ އެކްސްޕޯޓްގެ 80 އިންސައްތަ އަންނަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަޙައްދުތަކުންކަމަށާއި، މިއީ މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށައެޅިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށްވެސް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
ފަތްކޭލުގެ ގިނަ ވައްތަރުތައް ހުރި ނަމަވެސް، ދުނިޔޭގައި އެންމެ ގިނައިން ކަނީ ކެވެންޑިޝް ވައްތަރުގެ ދޮންކެޔޮކަމަށް ދިރާސާއިން ފާހަގަކޮށްފައިވެއެވެ. މި ވައްތަރަކީ ވަރަށް ނާޒުކު އަދި 15 ޑިގްރީ ސެލްސިއަސް އާއި 35 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ ހޫނުމިނެއް އަދި އެކަށީގެންވާ މިންވަރަކަށް ފެން ބޭނުންވާ ވައްތަރެއްކަން ދިރާސާގައި ބަޔާންކޮށްފައިވެއެވެ.