ކޮލަމް

ސިޔާސީ ގޮތުން އަތަށް ގޮވުމަކީ އަނެކާއަށް ފުރައްސާރަ ކުރަންޖެހޭ ސަބަބެއްނޫން!

ސިޔާސީ ގޮތުން އަތަށް ގޮވުމަކީ އަނެކާއަށް ފުރައްސާރަ ކުރަންޖެހޭ ސަބަބެއްނޫން!

ރަނގަޅު އަޚްލާޤު ފެންނާނީ އެކަމަށް އަހައްމިއްޔަތުކަން ދީ، އެކަމަށް މަސައްކަތްކުރާ މީހުންގެ ކިބައިން

farudhun logo

ފަރުދުން

13 މޭ 2025، 09:25

13 މޭ 2025، 09:25

މިހާރުގެ މުޖުތަމަޢުގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކަކީ ކަންބޮޑުވުން އުފެދޭ ޙާލަތުތަކެކެވެ. ޚާއްޞަކޮށް މުޖުތަމަޢުގެ އިސް ފަންތީގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ފެންނަމުންދާ އަޚްލާޤީ މިންގަނޑާ ޚިލާފު ޢަމަލުތަކަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެކެވެ.

އަޅުގަނޑުމެންނަށް އަޑުއިވެމުންދަނީ ތަރުބިއްޔަތާއި އޯގާތެރިކަމާއި އަޚްލާޤު އަދި އިންސާފުގެ އަސާސް ލިބެނީ މައިންގެ ފަރާތުން ކަމަށެވެ. އެހެންނަމަވެސް، ފެނިގެންދަނީ މައިންގެ ދައުރުގައި ތިބޭ ބައެއް އަންހެނުންވެސް އެހެން މީހުންގެ އަބުރާ ބެހި، ފުރައްސާރަކޮށް، މަލާމާތްކުރާ މާލަންތަކުގައި އަތްޖަހާ މަންޒަރެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އިންސާނެއްގެ އަބުރާ އިއްޒަަތަކީ "ޑިގު" ކުޅެން ގެންގުޅޭ ތާސްބައިގެ ގަނޑުތައް ފަދައިން ބަހާލެވިގެންވާނެ އެއްޗެއްނޫނެވެ. އިންސާނާގެ އަބުރާ އިއްޒަތަކީ ހާދަހާ މާތްކުރައްވާފައިވާ އެއްޗެކެވެ.

މިފަދަ ޢަމަލުތައް ފެނިގެންމިދަނީ  އާންމު ރައްޔިތުންތަކެއްގެ ކިބައިންނެއް ނޫނެވެ. ޤައުމުގެ އެންމެ އިސް މަޤާމުތައް ފުރުއްވާފައިވާ އަދި ސަރުކާރުގެ މުހިންމު މަޤާމުތަކުގައި އިރެއްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިފަދަ ޢަމަލުތައް ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ވެރިކަމާއި ބާރުވެރިކަން ގެއްލުމަކީ އެހެން މީހުންނާމެދު ނޭދެވޭ ގޮތަކަށް ޢަމަލުކުރަން ޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ. ސިޔާސީ ގޮތުން އަތަށް ގޮވުމަކީ އަނެކާއަށް ފުރައްސާރަ ކުރަންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ.

މިފަދަ ޢަމަލުތަކަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. މިއީ އެހެން އިންސާނެއްގެ ޤަދަރާއި ޢިއްޒަތަށް އަރައިގަތުމެވެ. އަދި މިފަދަ ޢަމަލުތަކުން ދައްކުވައިދެނީ ތިމާގެ ހިތްވަރުގަދަކަމެއް ނޫނެވެ. އެއީ ނުކުޅެދުންތެރިކަމާއި ހާސްކަމުގެ ނިޝާނެކެވެ.

އިއްޒަތްތެރިންގެ އަޚްލާޤީ ފެންވަރު މިދަރަޖައަށް ދިއުމުން، ކޮން ފަރާތަކުންތޯ ރަނގަޅު އަޚްލާޤު ފެންނާނީ؟ ކޮން ކަމަކަށްތޯ އާދައިގެ އިސްލާމީ ދިވެހި ރައްޔިތަކު އުންމީދު ކުރާނީ؟ މިއީ އިޞްލާޙަށް މަސައްކަތްކުރާ ބޭފުޅުންގެ ސިފައެއްތޯއެވެ؟ މިއީ ވަރަށް ދަށު ދަރަޖައިގެ އަޚްލާޤެކެވެ. ރަނގަޅު ވިސްނުމާއި ބުއްދި ގެއްލިފައިވާކަން މިއިން ދޭހަވެއެވެ.

މީހެއްގެ އަގު ވަޒަންކުރެވެނީ އޭނާގެ އަޚްލާޤުންނެވެ. މިފަދަ ނޭދެވޭ ވާހަކަތައް ދެއްކެވި ބޭފުޅުންގެ އަޚްލާޤީ މިންގަނޑު ބަލައިގަންނާނީ ކޮން ފަރާތަކުންތޯއެވެ؟ މިއީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. މީހުން ނެތް ތަނެއްގައި އެހެން މީހުންގެ ނަން ގޯސްކޮށް، އަބުރަށް ގެއްލުންވާފަދަ ވާހަކަ ފެތުރުމާއި، ދެބަސްވުން އުފެއްދުމާއި، މަލާމާތްކުރުމާއި، ޣީބަ ބުނުމާއި، މިކަންކަން ކުރިވަރަކަށް ތިމާގެ ހެޔޮ ޢަމަލުތައް މަދުވެގެންދެއެވެ. ހާދަ ހުތުރު އަޚްލާގެކެވެ. އަނެކާ ލައިގެން ހުންނަ ހެދުމަށްވުރެން މީހުންގެ އަބުރަށް ހުތުރުވާ މިފަދަވާހަކަތައް ދައްކަވާ ބޭފުޅުންގެ "އަޚްލާޤީ ޑްރެސްކޯޑު" އެޕްރޫވްކުރާނީ ކޮންތާކުން ކާކުތޯއެވެ؟

މިއީ ޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ދައްކާ ވާހަކައެއްތޯއެވެ؟ މިއީ ސިޔާސީ ގޮތުން ބަލިވުމުން ފެންނަ ނޭދެވޭ ނަތީޖާތޯއެވެ؟ ޤައުމުގެ ވެރިކަން ކުރެއްވި ބޭފުޅަކާއި، ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ޒުވާން ނޫސްވެރިއެއްގެ އަބުރަށް އަރައިގަނެ، ފުރައްސާރަކޮށް، މަލާމާތްކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭ މުހިންމު ނުކުތާއަކީ، އަޅުގަނޑުމެންގެ ޢަމަލުތަކުން އެހެން މީހުންނަށް ކުރާ އަސަރެވެ. ތިމާގެ ބަހާއި ޢަމަލުން އެހެން މީހުންގެ ހިތްތަކަށް ރިހުން ގެނުވައި، އެމީހުންގެ އިޙްސާސްތަކަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ވެސް މަނާކުރެވިފައިވާ ކަމެކެވެ.

ރަނގަޅު އަޚްލާޤު ފެންނާނީ އެކަމަށް އަހައްމިއްޔަތުކަން ދީ، އެކަމަށް މަސައްކަތްކުރާ މީހުންގެ ކިބައިންނެވެ. އެއީ މަޤާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް، އާދައިގެ ރައްޔިތެއް ކަމުގައި ވިޔަސް މެއެވެ. އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަންވާނީ އެހެން މީހެހެން މީހުންނަށް ނަމޫނާއަކަށް ވެ، ރަނގަޅު އަޚްލާޤު ދައްކުވައިދިނުމަށެވެ. އޭރުން އަޅުގަނޑުމެންގެ މުޖުތަމަޢު ވާނީ އެންމެންނަށް ވެސް އުފާވެރި، ހިތްހަމަޖެހޭ ތަނަކަށެވެ. މިފަދަ އަމަލުތައް ކުރާމީހުންނަށް ދޫރައްކާތެރިކުރުމުގެ ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން
                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS