ރިޕޯޓް
ރާއްޖޭގެ ނަރުހުންގެ ޚިދުމަތުގެ ދިގު ދަތުރު : ހިތްވަރާއި އޯގާތެރިކަމާއި އިންސާނިއްޔަތުކަމާއި ހުނަރުގެ މިސާލެއް

ނަރުހުންގެ ދުވަސް 2025
ނަރުހުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ނަރުހުންގެ ޚިދުމަތުގެ ތާރީޚާއި ކުރިއެރުންތަކަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. އިންސާނިއްޔަތުކަމުގެ ރޫޙު އާލާކޮށް، ފަރުވާތެރިކަމާއެކު ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ނަރުހުން ވަމުންދާ ގުރުބާނީއަކީ އަގު ނުކުރެވޭނެ ކަމެކެވެ. ރާއްޖޭގެ ނަރުހުންގެ ޚިދުމަތުގެ ފެށުމާއި މިއަދާ ހަމައަށް އައި ގޮތް ދެނެގަތުމަކީ، މި މުހިންމު ދާއިރާގެ އަގު ވަޒަންކުރުމަށް އެޅޭ ފިޔަވަޅެކެވެ.

ރާއްޖޭގެ ފުރަތަމަ ނަރުހުންގެ ބެޗް އަދި އޭރު ބޭނުންކުރެވުނު ޔުނީފޯމް
ރާއްޖޭގައި ނަރުހުންގެ ޚިދުމަތުގެ ފަތްގަނޑު ފެށިގެން އައީ 1963 ވަނަ އަހަރުއެވެ. އެއީ ވޯލްޑް ހެލްތު އޯގަނައިޒޭޝަނުގެ ޚާއްޞަ އެހީގެ ދަށުން، ތިން ދިވެހިން ބޭރުގައި ތަމްރީނު ވުމަށްފަހު މާލޭގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ފެށި ހިސާބުންނެވެ. މި ތިން ނަރުހުންނަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ އައު ޞަފްޙާއެއް ހުޅުވާލި ޚިދުމަތްތެރިންނެވެ. އެމީހުންގެ ތަމްރީނުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ޑރ. މުޙައްމަދު ޢުމަރު ޙަޔާތެވެ. އެއީ ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ރާއްޖެއަށް ފޮނުއްވި ފުރަތަމަ ޑޮކްޓަރެވެ.
އެ އަހަރުގެ ތެރޭގައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނުގެ އެހީގައި، ރާއްޖޭގައި ތިން މަހުގެ ނަރުހުންގެ ކޯހެއް ފެށުނެވެ. މިއީ ރާއްޖޭގައި ނަރުހުންގެ ތަޢުލީމު ކުރިއެރުވުމަށް އެޅުނު އެންމެ ފުރަތަމަ ފިޔަވަޅެވެ. މި ކޯހުގެ ސަބަބުން، ރަށްރަށުގައި ތިބި ޞިއްޙީ މަސައްކަތްތެރިންނަށް އަސާސީ ނަރުސިންގ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. މިއީ ރާއްޖޭގެ ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ ނަރުހުންގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަރުހަކީ މޫމިނާ ހަލީމެވެ. އޭނާ 1963 ވަނަ އަހަރު މާލޭގެ ސަރުކާރު ހޮސްޕިޓަލުގައި މޭޓްރަންގެ މަޤާމުގައި މަސައްކަތް ފެށިއެވެ. އަދި އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން ކޮލެޖް އޮފް ނަރސިންގގައި އެއް އަހަރުގެ ފެލޯޝިޕެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އަންހެނާއަށް ވެސް ވެގެން ދިޔައެވެ. މޫމިނާ ހަލީމްގެ ޚިދުމަތް ހަމައެކަނި ޞިއްޙީ ދާއިރާއަކަށް ނޫނެވެ. 1974 ވަނަ އަހަރު އޭނާ ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ފުރަތަމަ އަންހެން މެންބަރަށެވެ. އަދި 1977 ވަނަ އަހަރު، ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރުގެ ގޮތުގައި ޞިއްޙީ ވަޒީރުކަމުގެ މަޤާމު ފުރުއްވިއެވެ. މޫމިނާ ހަލީމްގެ މި ޚިދުމަތްތަކަކީ ރާއްޖޭގެ ނަރުހުންގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަންކަމެވެ.

ރާއްޖޭގެ ފުރަތަމަ ނަރުހުން : މޫމިނާ ހަލީމް ، އަޢިޝަތު އިބްރާހިމް ދީދީ އަދި ނަސީމާ މުޙައްމަދު ކަލޭފާނު
މިއަދު ރާއްޖޭގެ ނަރުހުންގެ ޚިދުމަތް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. ފެށުނު އިރު ތިބި އަތްގުޅާލެވޭވަރުގެ މަދު ނަރުހުންގެ ބަދަލުގައި، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައްސަތޭކަ ނަރުހުން ޚިދުމަތް ދެމުން ގެންދެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަރސިންގ ސްކޫލުން ނަރުހުންގެ ފުރިހަމަ ޕްރޮގްރާމްތައް ހިންގައެވެ. މި ޕްރޮގްރާމްތަކުން އުފެދޭ ނަރުހުންނަކީ ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ ޚިދުމަތްތެރިންނެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ރާއްޖޭގެ ނަރުހުންގެ ޚިދުމަތް ވެސް ވަނީ ޒަމާނީވެފައެވެ. އަދި ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް އިތުރުވެ، ނަރުހުންގެ ފެންވަރު މަތިވެފައިވެއެވެ. މިކަމުގެ ސަބަބުން ބަލިމީހުންނަށް ލިބޭ ފަރުވާގެ ފެންވަރު ރަނގަޅުވެ، ޞިއްޙީ ޚިދުމަތް ފުޅާވެގެން ގޮސްފައިވެއެވެ.

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ނަރުސްކަން ކިޔަވާ ދަރިވަރުން
ނަމަވެސް، ނަރުހުންގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. މިގޮތުން އަތޮޅުތަކުގައި ނަރުހުން ހޯދުމާއި ހިފެހެއްޓުމަކީ ދަތި ކަމަކަށް ވެފައިވެއެވެ. އަދި މުސާރައިގެ ދަށްކަމާއި، ގިނަ ގަޑިއިރު މަސައްކަތް ކުރަން ޖެހުމާއި، މަރުކަޒީ ގޮތުން މުވައްޒަފުން ނެގުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ނަރުހުންގެ ދަތިކަން ދިމާވެއެވެ. މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަކީ ކުއްލި މައްސަލައެކެވެ.
ނަރުހުންނަކީ މުޅި ސިއްހީ ނިޒާމުގެ ހިތާއި ވިންދު ކަމަށާއި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށް އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ތައްޔާރު ވެފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރުގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ ވަރުބަލި ކަމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ މި ބޮޑު މަސްއޫލިއްޔަތުގެ އަގު މީގެ ކުރިން ވަޒަން ނުކުރާ ވަރަށް މި ސަރުކާރުން ވަޒަން ކުރައްވާނެކަމަށެވެ.
ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ހިތްކަމުގައި ވެސް ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވެ އެވެ. ހަގީގަތުގައި ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ
ރައީސް މުއިއްޒު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ބަތަލެއް ކަމުގައި އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނާ ސަބަބަކީ ނަރުހުންދޭ ވަފާތެރި އަގުހުރި ހިދުމަތުގެ މަތިވެރިކަމުންނެވެ.
2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 59 އިންސައްތައަކީ ދިވެހިންނެވެ. މިއީ އުފާވެރި ކުރިއެރުމެކެވެ. ނަމަވެސް، އަދިވެސް ބޭރުގެ ނަރުހުންނަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ. އަދި ގައުމަށް ބޭނުންވާ އެފަދަ ހިދުމަތްތަކުގައި ދިވެހިންގެ ނިސްބަތް އިތުރުކުރުން ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
2023 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ނަރުހުންގެ މަސައްކަތުގެ ދާއިރާގައި ގާތްގަނޑަކަށް 3،150 ރަޖިސްޓަރީ ކުރެވިފައިވާ ނަރުހުން ހިމެނެއެވެ. އޭގެ ތެރެއިން %61 އަކީ ދިވެހި ރައްޔިތުންނެވެ. މިއީ ޞިއްޙީ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ. މި ކުރިއެރުމަކީ ޤައުމުގެ އެކި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިފައިވާ ކުރިއެރުމެކެވެ.
ޞިއްޙީ ޚިދުމަތް ބޭނުންކުރާ މިންވަރަށް ބަލާއިރު، 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގައި ދުވާލަކު އެވްރެޖްކޮށް 8،722 ބަލިމީހުން ޑޮކްޓަރުންގެ އެހީ ހޯދައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނެވެ. މި މަތީ ޑިމާންޑުން ދައްކުވައިދެނީ ޞިއްޙީ ނިޒާމުގައި ނަރުހުންގެ ދައުރު ވަރަށް މުހިންމުކަމެވެ. ޚާއްޞަކޮށް ޕްރައިމަރީ ކެއަރ އަދި ޚާއްޞަ ޚިދުމަތްތަކުގައެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ނަރުހުންގެ ހިތްވަރާއި ގުރުބާނީއަށް ޝުކުރު އަދާކުރަން ޖެހެއެވެ. ކޮވިޑް-19 ގެބަލިމަޑުކަމުގައި ނަރުހުން ދެއްކި ހިތްވަރަކީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ރައްކާތެރިކަމަށް ބެލުމެއް ނެތި، އާއިލާއާ ދުރުގައި ތިބެ، ގައުމީ ވާޖިބު އަދާކުރުމުގައި ދެއްކި ފަންވަރަކީ އަގު ނުކުރެވޭނެ ކަމެކެވެ. އެތައް ގަޑިއިރެއް ވަންދެން ބަލިމީހުންނަށް އޯގާތެރިކަމާއި ކުލުނާއެކު އަޅާލައި، ފަރުވާ ފުރިހަމަކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

ކޮވިޑް-19 ގައި ހަރަކާތްތެރިވި ބައެއް ނަރުހުން މާލޭ މަގުމަތިން މީހުންގެ ސާމްޕަލް ހޯދުމަށް ނިކުމެ
ނަރުހުންގެ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރަން ޖެހެއެވެ. އަދި ނަރުހުންނަށް ކަންކަމުގައި އިސްނެގުމުގެ ފުރުސަތު ދޭން ޖެހެއެވެ. ނަރުހުންނަކީ ހަމައެކަނި އިންޖެކްޝަން ޖަހާ ބައެއް ނޫނެވެ. އެމީހުންނަކީ ބަލިމީހުންނާ އެންމެ ފުރަތަމަ ބައްދަލުވާ، އަދި އެމީހުންގެ ފަރުވާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ނަރުހުންގެ ފުރަތަމަ މުޢާމަލާތުން ބަލިމީހާއަށް ނަރުހާ ދޭތެރޭ ގިނަ ކަންތައްތަކެއް ދެނެގަނެވެއެވެ. އެހެންކަމުން، ކޮންމެ ނަރުހަކީ ވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ބަލިމީހުންނާ މުޢާމަލާތުކުރާ ބަޔަކަށް ވާން ޖެހެއެވެ.
ރާއްޖޭގައި މިހާރު އުފަންވާ 99 އިންސައްތަ ކުދިންނަކީ ނަރުހުންގެ ހާޒިރުގައި އުފަންވާ ކުދިންނެވެ. އަދި މަރުވާ މީހުންގެ 90 އިންސައްތަ މީހުން މަރުވަނީ ވެސް ނަރުހުންގެ ހާޒިރުގައެވެ. މިއީ ނަރުހުންގެ މަސައްކަތުގެ މުހިންމުކަން ދައްކުވައިދޭ ތަފާސްހިސާބުތަކެކެވެ. އަދި މިއީ ނަރުހުން އެމީހުންގެ މަސައްކަތާމެދު ފަޚުރުވެރިވާން ޖެހޭ ކަމެކެވެ. ނަރުހުންގެ ޚިދުމަތަކީ އިންސާނުންގެ ދިރިއުޅުމުގެ އެންމެ މުހިންމު ދެ ވަގުތުގައި - އުފަންވުމާއި މަރުވުމުގައި - އެންމެ ކައިރިން ބައިވެރިވާ ޚިދުމަތެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން، އަޅުގަނޑުމެން އެންމެން ވެސް ނަރުހުންގެ މަސައްކަތަށް އިޙްތިރާމް ކުރަން ޖެހެއެވެ. އަދި އެމީހުންގެ ޚިދުމަތަށް ޝުކުރު އަދާކުރަން ޖެހެއެވެ. ނަރުހުންނަކީ ޞިއްޙީ ދާއިރާގެ ބުރަކަށްޓެވެ. އެމީހުންގެ ހިތްވަރާއި ގުރުބާނީ ނެތްނަމަ، ޞިއްޙީ ދާއިރާއަކަށް ކުރިއެރުމެއް ނުލިބޭނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީ ނަރުހުން އަދި ބައެއް ރާއްޖޭގެ ނަަރުހުން
ރާއްޖޭގެ ނަރުހުންގެ ޚިދުމަތަކީ ފަޚުރުވެރިވާން ޖެހޭ ޚިދުމަތެކެވެ. 1963 ގައި ފެށުނު މި ޚިދުމަތް މިއަދު ވަނީ ފުޅާވެ، ކުރިއަރައި، ޒަމާނީވެފައެވެ. އެ ޚިދުމަތް އިތުރަށް ކުރިއެރުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހެއެވެ. އަދި ނަރުހުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެމީހުންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމްކޮށްދޭން ޖެހެއެވެ. އޭރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއަރައި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
2017 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތަށް ވަނީ ޑަބްލިޔުއެޗްއޯގެ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކްސެލެންސް އިން ޕަބްލިކް ހެލްތް އެވޯޑް ލިބިފައެވެ. މި އިނާމު ލިބުނީ ޤައުމުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ޝަރަފު ލިބުމުގެ ގޮތުންނެވެ.
2007 ވަނަ އަހަރު އުފެދުނު މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ދަނީ ނަރުހުންގެ ފަންނު ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ. އެމްއެންއޭގެ މަޤްޞަދަކީ ނަރުހުންގެ ފަންނީ ކުރިއެރުިއެރުން އިތުރުކުރުމާއި، މުޅި ޤައުމުގައި ނަރުހުކަމުގެ ފަންނުގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ. އެމްއެންއޭގެ މަސައްކަތްތަކުން ދިވެހިރާއްޖޭގައި ނަރުހުކަމުގެ ފަންނު ކުރިއަރުވައި، އެކަމަށް ލިބޭ ޝަރަފު އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދެއެވެ.
ނަރުހުންގެ ޚިދުމަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތިވެރި ސިފަތައް ދައްކުވައިދޭ ޚިދުމަތެކެވެ. އެމީހުންގެ އަތްތަކުން ފޯރުކޮށްދޭ ފަރުވާއާއި އޯގާތެރިކަމަކީ ބަލިމީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ނަރުހުންގެ ހިނިތުންވުމާއި އޯގާތެރި އަދި ރަޙްމާއި ހަމްދަރުދީގެ ބަސްތަކަކީ ބަލިމީހުންގެ ހިތްތަކަށް ފަރުވާ ގެނުވައިދޭ ބޭހެކެވެ. އެހެންކަމުން، ނަރުހުންނަކީ ހަމައެކަނި ޖިސްމާނީ ބަލިތަކަށް ފަރުވާދޭ ބައެއް ނޫނެވެ. އެމީހުންނަކީ ނަފްސާނީ ގޮތުން ވެސް ބަލިމީހުންނަށް ހިތްވަރުދީ، ފަރުވާ ދޭ ބައެކެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ނަރުހުންގެ ޚިދުމަތް ލިބެން ހުރުމަކީ މުހިންމު ކަމެކެވެ. އެކަހެރި ރަށްރަށުގައި ތިބޭ ނަރުހުންނަކީ އެ ރަށްރަށުގެ ޞިއްޙީ ރައްކާތެރިކަމުގެ ފުރަތަމަ ގޮތްޕެވެ. އެމީހުންގެ ހުނަރާއި ތަޖުރިބާގެ ސަބަބުން، ގިނަ ބަލިތަކަށް ފަރުވާ ލިބި، ބޮޑެތި ހޮސްޕިޓަލުތަކަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެގެންދެއެވެ. އެހެންކަމުން، ރަށްރަށުގައި ތިބޭ ނަރުހުންނަށް އިތުރު ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.
ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ނަރުހުންނަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އަދި އެ ބޭފުޅުންގެ އަގުހުރި ޚިދުމަތަށް ޝުކުރު ދަންނަވަމެވެ. ނަރުހުންގެ ޚިދުމަތަކީ ދުވަހަކު ވެސް ހުއްޓުމެއް ނާންނަ، މެދުކެނޑުމެއް ނެތި ކުރިއަށްދާ ޚިދުމަތެކެވެ. އެ ޚިދުމަތުގެ ސަބަބުން ކިތައް ފުރާނަތޯ ސަލާމަތްވެފައިވަނީ؟ ކިތައް ދަރިންތޯ މައިންގެ އުއްމީދާއެކު ދުނިޔެއަށް އައިސްފައިވަނީ؟ކިތައް މީހުންތޯ ފަސޭހަކަމާއެކު ދުނިޔެ ދޫކޮށްފައިވަނީ؟މި ހުރިހާ ކަމެއްގައި ވެސް ނަރުހުންގެ އަތްތައް ވަނީ ހިމެނިފައެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ އިހުސާންތެރިކަމާއި ރަހުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުން ކަމަށާއި އެ ހިދުމަތަކީ ދެވޭ މުސާރައަށް ވުރެ އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އާއި އަނެކުންގެ ފަރާތުން ލިބޭ ހިތްހެޔޮކަމާއި ދުއާ، އެތައް ގުނައަކަށް އިތުރު މަސައްކަތެއް ކަމަށެވެ.
އެހެންކަމުން، ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަމެވެ. ނަރުހުންގެ އަޑުއަހައި އިޖާބަދޭނަމެވެ. އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަމެވެ
ރައީސް މުޢިއްޒު
ނަރުހުންގެ ދުވަހުގެ މި އުފާވެރި ދުވަހުގައި، އަޅުގަނޑުމެން އެދެނީ ރާއްޖޭގެ ނަރުހުންގެ ޚިދުމަތް އިތުރަށް ކުރިއަރައި، ފުޅާވެގެން ދިއުމެވެ. އަދި ނަރުހުންނަށް އެކަށީގެންވާ މުސާރައާއި ޢިނާޔަތްތައް ލިބި، އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކުރެވިގެން ދިއުމެވެ. ނަރުހުންނަކީ ޞިއްޙަތެއް ހުރި މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެހެންކަމުން، އެމީހުންގެ ޚިދުމަތަށް އަބަދުވެސް ޝުކުރުވެރިވާން ޖެހެއެވެ.