ޚަބަރު
އިންޑިއާއަށް ދައްކަންޖެހޭ ލޯނުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއެކު- ފޮޓޯ: ރައީސް އޮފީސް

ފަރުދުން
12 މޭ 2025، 01:08
12 މޭ 2025، 01:08
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ މުއްދަތު އެއްއަހަރު ދުވަހަށް އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ އެދުމުގެ މަތިން އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
މި ލޯނަކީ ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން 2019 ވަނަ އަހަރު ނަގާފައިވާ ލޯނެކެވެ. މި ފައިސާ ހޯދާފައިވަނީ ޓްރެޒަރީބިލް ވިއްކައިގެންނެވެ. މި ލޯނު ދައްކަންޖެހޭ މުއްދަތު މީގެ ކުރިންވެސް އިތުރު ކޮށްފައިވެއެވެ. އެހެންނަމަވެސް މިއަދު ވަނީ އެ މުއްދަތުވެސް ހަމަވެފައެވެ.
މި ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމާ ގުޅިގެން ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލް ވަނީ އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ދެޤައުމުުގެ ދުވަސްވީ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.