ދީން
މަންމަގެ އުނގު: މުޖުތަމަޢުގެ އެންމެ މުހިންމު އެއް ބިންގާ

މަންމަގެ އުނގު: މުޖުތަމަޢުގެ އެންމެ މުހިންމު އެއް ބިންގާ
މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ބިންގަލަކީ މަންމަގެ އުނގެވެ. މި ޙަޤީޤަތަކީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރަންޖެހޭ ކަމެކެވެ. މަންމަގެ އުނގަކީ ދަރިފުޅުގެ ފުރަތަމަ މަދްރަސާއެވެ. އެ އުނގުން ޖާގަ ލިބޭ ކޮންމެ ދަރިޔަކީ މުޖްތަމަޢަށް ފައިދާހުރި ކުއްޖަކަށްހެދުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހުރިހާ ކުދިންނަށް ނަމޫނާ ޝަޚްޞެކެވެ. ހިތްވަރުގަދަ ބަތަލެކެވެ. ޒިންމާދާރު މުވާޠިނެކެވެ.
މަންމަގެ އުނގުން ދޭ ތަރުބިއްޔަތާ އެއްވަރު ތަރުބިއްޔަތެއް ދެވޭނެ އެހެން އެއްވެސް މުއައްސަސާއެއް ނުހުންނާނެ އެވެ. މަންމަގެ ލޯބި، އޯގާތެރިކަން އަދި ފަރުވާތެރިކަމަކީ ދަރިފުޅުގެ ޝަޚްޞިއްޔަތު ބިނާކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ކަންތައްތަކެވެ. އެހެންކަމުން އެ އުނގު ޠާހިރުވި ވަރަކަށް ނެރެވޭ ނަތީޖާ ޠާހިރު ވެފައި ސާފުވާނެ އެވެ.
ފިޠުރަތުގެ ސާފުކަން މަތީ ދުނިޔެއަށް ފޮނުއްވާ އިންސާނާ އެ ޠާހިރުކަން މަތީ ދުނިޔޭގަ އުޅެން ދަސްކޮށްދެނީ މަންމައެވެ. މަންމައަކީ ދަރިފުޅުގެ ފުރަތަމަ މުދައްރިސާއެވެ. އެ މަންމައަށް ދީނުން ފިލައިފައިވާ މިންވަރެއްގެ މައްޗަށް މެނުވީ އެކަން ބިނާ ނުވެއެވެ. މާތްﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވުމާއި އަލުން ދިރުއްވޭނެކަމާއި ހިސާބުކިތާބު އެއީ ބެލެވޭނެ އެއްޗެއްކަމާއި އެކަމުގެ ނަތީޖާއަކަށް ސުވަރުގެ ނުވަތަ ނަރަކަ ލިބޭނެކަމާއި މި ހުރިހާ ކަމަކީ ޙައްޤު ތެދުކަން ދަންނަ މައިންނަށް ފުރިހަމަ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތު ކުރެވޭނެއެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢު ރަނގަޅު ކުރަން ބޭނުންނަމަ، އަޅުގަނޑުމެން އެންމެ ފުރަތަމަ ސަމާލުކަން ދޭންޖެހޭނީ މަންމަގެ އުނގަށެވެ. މަންމައިންނަށް އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް އިސްކަންދޭންޖެހެއެވެ. އަދި މަންމައިންނަށް އެމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ވަގުތާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހެއެވެ.
ކޮންމެ އިންސާނެއްގެ ދުނިޔެއަށް އައުމުގެ ފެށުމަކީ މައިންބަފައިނެވެ. އަޅުގަނޑުމެން އެ ދެ ފަރާތަށް މުޚާޠަބުކުރަނީ 'މަންމައާއި ބައްޕަ' ނުވަތަ 'މައިންބަފައިން' މި ނަންތަކުންނެވެ. މި ދެ ފަރާތަކީ އަޅުގަނޑުމެންގެ މައްޗަށް އެންމެ ބޮޑު ޙައްޤެއް އޮތް އަދި އެންމެ ގިނަ ދަރަންޏެއް އަދާކުރަންޖެހޭ ދެ ފަރާތެވެ. މައިންބަފައިންގެ ޙައްޤުތަކަކީ ގިނަގުނަ އަދި މަތިވެރި ޙައްޤުތަކެކެވެ. އެހެންކަމުން، މައިންބަފައިންނަށް ޝުކުރުވެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެކެވެ.
ލުޤުމާން ސޫރަތުގެ 14ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ" (لقمان 14)
މާނައީ: "އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަން އިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."
މި އާޔަތުން އަޅުގަނޑުމެންނަށް އެނގޭ މުހިންމު ޙަޤީޤަތަކީ، މައިންބަފައިންނަށް އިޙްސާންތެރިވުމަކީ މާތްﷲ އަޅުގަނޑުމެންނަށް ކުރައްވާފައިވާ ވަޞިއްޔަތެއްކަމެވެ. އެހެންކަމުން، އެއީ އަޅުގަނޑުމެން ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެކެވެ. މައިންބަފައިންނަށް އޯގާތެރިވެ، އިޙްތިރާމްކުރުމަށް އަމުރުކުރައްވާފައިވާއިރު، މަންމައަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އިރުޝާދު ދެއްވާފައިވާކަން މި އާޔަތުން ދޭހަވެއެވެ. މިކަން މި އާޔަތުގައި ފާހަގަކުރެވިފައިވަނީ، މަންމަ ތަޙައްމަލުކުރާ ދަތިތަކާއި، ދަރިމައިވެއިންނަ މުއްދަތުގައި ކުރިމަތިވާ އުނދަގޫތަކާއި، ދަރިފުޅަށް ކިރުދިނުމުގައި ހޭދަކުރާ ވަގުތުތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވާތީއެވެ.
މި ޙަޤީޤަތަށް އިތުރު ބާރެއް ލިބިގެންދަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަކުންނެވެ. އެންމެ ބޮޑަށް ހެޔޮކޮށްހިތަންވީ ކާކަށްތޯ ސުވާލުކުރެވުނު ހިނދު، އެކަލޭގެފާނު ތިން ފަހަރު ވިދާޅުވީ "ތިބާގެ މަންމައަށެވެ." އަދި ހަތަރުވަނަ ފަހަރަށް ވިދާޅުވީ "ތިބާގެ ބައްޕައަށެވެ." މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ބަޔާންވެގެންވާ ގޮތުގައި، މަންމަގެ ރުހުން ނުލިބުމުގެ ސަބަބުން ސުވަރުގެ މަނާވެގެންދިޔަ ޒުވާނެއްގެ ހާދިސާވެސް ރިވާވެގެން އައިސްފައިވެއެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ ސޫރަތުލް އިސްރާގެ 23ވަނަ އާޔަތާއި 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ:
"۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (23).
މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (24).
މާނައީ: އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!"
މި އާޔަތްތަކުގެ މާނަ އިންސާނާ ފުންކޮށް ވިސްނުން މުހިންމެވެ. އޭގެ މާނަ ސާފުކޮށް ދޭހަވެ، ފަހުމްވުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. މާތްﷲ މި އާޔަތްތަކުގައި މައިންބަފައިންނާމެދު ޢަމަލުކުރަންވީ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ. މި އިރުޝާދުތަކާ ޚިލާފަށް މައިންބަފައިންނާމެދު ޢަމަލުކުރާ މީހަކީ ދެދުނިޔޭގައިވެސް ބަދުނަސީބުވެރިއެކެވެ.އާޚިރަތުގައި އޭނާއަށް ކުރިމަތިވާނީ ހިތާމައާއި ހިތްދަތިކަމެވެ. މިއީ މިއަދުގެ ޒުވާނުންނާއި ކުދިބޮޑު އެންމެން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.