ދުނިޔެ

ބިލް ގޭޓްސް އޭނާގެ މުޅި މިލްކިއްޔާތު 2045 ވަނަ އަހަރުގެ ކުރިން ހިލޭސާބަހަށް ބަހާލަން ނިންމައިފި

ބިލް ގޭޓްސް އޭނާގެ މުޅި މިލްކިއްޔާތު 2045 ވަނަ އަހަރުގެ ކުރިން ހިލޭސާބަހަށް ބަހާލަން ނިންމައިފި

ބިލް ގޭޓްސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 09:54

11 މޭ 2025، 09:54

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސް، އޭނާގެ މުޅި މިލްކިއްޔާތު 2045 ވަނަ އަހަރުގެ ކުރިން ހިލޭސާބަހަށް ދޫކޮށްލަން ނިންމައިފިއެވެ. މި މުހިންމު ނިންމުން އޭނާ ހާމަކޮށްފައިވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައެވެ.

ގޭޓްސް ފައުންޑޭޝަން 2000 ވަނަ އަހަރު އުފެއްދި އިރު، ބިލް ގޭޓްސް އަދި މެލިންޑާ ގޭޓްސް ވިސްނާފައިވަނީ އެ ޖަމްޢިއްޔާ ދިގު މުއްދަތަކަށް ހިންގުމަށެވެ. އަދި އެ ދެ މީހުން މަރުވުމަށްފަހުވެސް އެ ޖަމްޢިއްޔާ ހިންގުމަށް ރޭވިއެވެ. ނަމަވެސް މިހާރު ބިލް ގޭޓްސް ވިދާޅުވެފައިވަނީ އެހާ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.

ގޭޓްސްގެ މުޅި މިލްކިއްޔާތުގެ އަގު 160 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެއެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މި މުދާ ހިލޭސާބަހަށް ދޫކޮށްލުމުގެ މަސައްކަތް ނިމޭނީ އަންނަ 20 އަހަރުގެ ތެރޭގައި ނުވަތަ 2045 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިންނެވެ.

މި އިޢުލާނު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ޞިއްޙީ ޚިދުމަތްތަކާއި، ބޭރުގެ އެހީ އަދި އެހެނިހެން އާންމު އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް ދޭ ފައިސާ މަދުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ގޭޓްސް ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކެވެ.

ގޭޓްސް ވިދާޅުވެފައިވަނީ އޭނާގެ ޖަމްޢިއްޔާގެ މަޤްޞަދަކީ ދުނިޔޭގެ ޞިއްޙަތާއި ހަމަހަމަކަން ކުރިއެރުވުމުގެ މަސައްކަތް އަވަސްކުރުން ކަމަށާއި، އެހެން މުއްސަނދިންނަށް މިސާލަކަށްވުމަށް އުންމީދުކުރައްވާ ކަމަށެވެ. "އަހަރެން މަރުވުމަށްފަހު މީހުން އަހަރެންނާ ބެހޭގޮތުން ގިނަ ވާހަކަތައް ދައްކާނެ. އެކަމަކު 'މުއްސަނދި މީހަކު މަރުވެއްޖެ' އޭ ބުނާ މީހަކު ނުހުންނާނެކަން ކަށަވަރުކުރަން އަހަރެން ބޭނުން. ދުނިޔޭގައި އެތައް ބޮޑެތި މައްސަލަތަކެއް އެބަހުރި. އަހަރެންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މީހުންނަށް އެހީތެރިވާން އަހަރެން ބޭނުން،" އޭނާ ވިދާޅުވިއެވެ.

ގޭޓްސް ފައުންޑޭޝަނަކީ ދުނިޔޭގެ އެންމެ ބޮޑެތި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ތެރެއިން އެއް ޖަމްޢިއްޔާއެވެ. މިހާތަނަށް އެ ޖަމްޢިއްޔާއިން ވަނީ 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އެކި ހިލޭސާބަހުގެ މަޝްރޫޢުތަކަށް ހޭދަކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ގޭޓްސް ވަނީ އޭނާގެ ހިލޭސާބަހުގެ މަސައްކަތްތައް އިތުރުކޮށްފައެވެ. 

އަންނަ 20 އަހަރުގެ ތެރޭގައި، ގޭޓްސް ފައުންޑޭޝަނުން އަމާޒު ހިފާނީ މައިންނާއި ކުޑަކުދިންގެ މަރު މަދުކުރުމަށާއި، ނުރައްކާތެރި ބަލިތައް ނައްތާލުމަށާއި، މިލިއަނުން މީހުން ފަގީރުކަމުން ސަލާމަތްކުރުމަށެވެ.

ގޭޓްސް އުންމީދުކުރައްވާ ގޮތުގައި މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީން އެހީތެރިވެދޭނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި 2045 ވަނަ އަހަރާ ހަމައަށް އޭނާގެ މުދަލުގެ 99 އިންސައްތަ ހިލޭސާބަހަށް ދޫކޮށްލައްވާ ނިމޭނެއެވެ. އަދި އޭނާގެ ހުރިހާ އާމްދަނީއެއް ދާނީ ގޭޓްސް ފައުންޑޭޝަނަށެވެ.                    


                    


މި ލިޔުން ކިޔާލުމުން

Ads by MSS