ޚަބަރު
ހުޅުމާލެއަށް 21: މިއަދު "ފެމިލީ ކާނިވަލް" ފަށައިފި

"ފެމިލީ ކާނިވަލް" ފޮޓޯ:އެޗްޑީސީ
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން "ފެމިލީ ކާނިވަލެއް" މިއަދު ބާއްވައިފިއެވެ. މި ކާނިވަލް ބޭއްވުނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.
އެޗްޑީސީން މަޢުލޫމާތު ދިންގޮތުގައި، މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އަވަށުގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދިބޮޑު އެންމެން ވެގެން ހިތްގައިމު، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ.
ކާނިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމަކާއި އެކި ކަހަލަ އެކްޓިވިޓީތަކާއި ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބަހައްޓާފައި ހުރުމުން ގިނަ ކުދިންނަށް މަޖާ ވަގުތުކޮޅެއް ލިބިގެން ދިޔައެވެ. މީގެ އިތުރުން، 360° ފޮޓޯ އާއި ވީޑިއޯ ނެގޭ ބޫތަކާއި ހިލޭ ޑެންޓަލް ޗެކަޕް ހެދުެދުމުގެ ފުރުސަތު ވެސް ހުރިހާ ބައިވެރިންނަށް ލިބުނެވެ.
ކާނިވަލްގައި ފޯމް ޕާޓީ އާއި ފަޔާ ވެހިކަލް އަދި ޓްރެފިކް ޕާކް ފަދަ އިތުރު ހަރަކާތްތައް ވެސް ހިމެނުނެވެ. އެޗްޑީސީން ފާހަގަކުރިގޮތުގައި، މި ކާނިވަލް ކުރިއަށް ގެންދެވުނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ.
މީގެ އިތުރުން، ފުލުހުންނާއި އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯ، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯ އަދި އެޗްއާރުސީއެމްގެ އެހީތެރިކަން މި އިވެންޓަށް ލިބުނެވެ.
ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ކުރިއަށްދާ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. މި ފެސްޓިވަލްގެ ހަރަކާތްތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވޭނެއެވެ.
ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި މަޝްރޫއެކެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގައެވެ. މިހާރު ހުޅުމާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ، އަވަސް ދުވެލީގައި ތަރައްޤީވަމުންދާ އަވަށެކެވެ.