ޚަބަރު
ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ވަރަށް ކުލަގަދަކޮށް އެކި ސަރަޚައްދުގައި ފާހަގަކޮށްފި

ކުޑަކުދިންގެ ދުވަަސް 2025 ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބޭއްވުނެވެ.
ކުޑަކުދިންގެ ހަވީރު ބޭއްވުނު ތަންތަނުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކާއި، ހުޅުމާލޭ ސެންޓްރަލް ޕާކާއި، ރަސްފަންނާއި، ޖުމްހޫރީ މައިދާނާއި، ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލް ހިމެނެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން، ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. މި ހަވީރުގެ ހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީވެސް ރައީސުރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
މި ހަވީރުތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި، މަޝްހޫރު ޓީވީ ކެރެކްޓަރސްއާއި މެސްކޮޓުތަކުގެ ހަރަކާތްތައް ހިމެނުނެވެ. އަދި ބައެއް ކުދިން ސްޓޭޖް މަތިން އެކިއެކި ހުށަހެޅުންތައްވެސް ހުށަހެޅިއެވެ.
ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތްތަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނުކަމަށް ފާހަގަކުރިއެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރާތީ ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް ކުދިން ބުންޏެވެ.
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. އަދި އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެހީތެރިކަން ފޯރުކޮށްދިނެވެ.