ޚަބަރު
ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އަދި ފަސްޓްލޭޑީ ކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުޑަކުދިންގެ ހަވީރުގައި ފޮޓޯ:ރައީސް އޮފީސް
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ބޭއްވުނު ހަވީރުތަކުގެ ތެރެއިން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގެން ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބާއްވާފައިވެއެވެ. މި ހަވީރުތައް ބޭއްވުނު ތަންތަނުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކާއި، ހުޅުމާލޭ ސެންޓްރަލް ޕާކާއި، ރަސްފަންނާއި، ޖުމްހޫރީ މައިދާނާއި، ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލް ހިމެނެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އަދި އަނބިކަނބަލުން ވަނީ ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
President Dr @MMuizzu and First Lady Madam @sajidhaamohamed attend the ‘Children’s Day 2025’ event at Hulhumalé Central Park, celebrating Children's Day.
— The President's Office (@presidencymv) May 10, 2025
They were welcomed by the Minister of Education, ministry officials, and school principals. The President and First Lady… pic.twitter.com/YYKgjr3waC
މި ހަވީރުތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އަދި މަޝްހޫރު ޓީވީ ކެރެކްޓަރސްއާއި މެސްކޮޓުތައް މި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން ބައެއް ކުދިން ވަނީ ސްޓޭޖް މަތިން އެކިއެކި ހުށަހެޅުންތައްވެސް ހުށަހަޅައިދީފައެވެ.
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.