ޚަބަރު
ކުޑަކުދިންނަށް އެންމެ މުހިންމީ ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުން: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ މިފަދައިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓްގައި، ދިވެހި ކޮންމެ ކުޑަކުއްޖަކަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވެގެން ކުޑަކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުން. ދިވެހި ކޮންމެ ކުޑަކުއްޖަކަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއް. pic.twitter.com/Bhr6a3aBV6
— First Lady Sajidha Mohamed (@sajidhaamohamed) May 10, 2025
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގެންދަވަނީ ގުޅުންހުރި އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރުމަށް ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އަދި ޔުނިސެފް ފަދަ ކުޑަކުޑަކުދިންނާ ގުޅުންހުރި އަދި އެކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެއްބާރުލުންދެއްވުމުގެ ގޮތުން މަސައްކަތްތަކެއް ކުރައްވަމުންނެވެ.