ދުނިޔެ
ޣައްޒާއަށް ޔަހޫދީންގެ ޙަމަލާތައް ހަރުކަށިކޮށް، 24 ގަޑިއިރު ތެރޭގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޣައްޒާއަށް ޔަހޫދީންގެ ޙަމަލާތައް ހަރުކަށިކޮށްފި
ޣައްޒާގައި އިސްރާއީލުން ދެމުންދާ ވައިގެ ޙަމަލާތައް އިތުރަށް ހަރުކަށިވެ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 100 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި އެންމެ ފަހުގެ ޙަމަލާތަކުގައި 106 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 350 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް ދެމިގެންދާ ވަގުތު، ސަރަޙައްދުގައި ގަދަފަދަ ގޮވުންތައް ކުރިއަށްދާކަމަށް ބުނެވެއެވެ.
ދެކުނު ޣައްޒާގައި ޙަމާސްގެ ހަނގުރާމަވެރި ބާރު ކަމުގައިވާ އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑާއި އިސްރާއީލީ ބާރުތަކާ ދެމެދު ގަދަފަދަ ހަނގުރާމައެއް ކުރިއަށްދާކަމަށް ބުނެވެއެވެ. އަލް-ޤައްސާމް ބްރިގޭޑުން ވަކި ސަރަޙައްދެއްގައި އިސްރާއީލް ސިފައިންނަށް ޙަމަލާދިން ކަމަށާއި، މި ޙަމަލާގައި ގިނަ އަދަދެއްގެ އިސްރާއީލީ ސިފައިން މަރުވެ އަނިޔާވި ކަމަށް ބުނެފައިވެއެވެ.
އެއާއެކު، އިސްރާއީލީ ބާރުތަކުން އެމީހުންގެ ހަނގުރާމަވެރި ޢަމަލުތައް ޣައްޒާއިން ބޭރަށް ފުޅާކޮށް، ދެކުނު ލުބުނާނަށް ވައިގެ ޙަމަލާތަކެއް ދީފައިވެއެވެ. މި ވައިގެ ހަމަލާތަކުގެ ސަބަބުން މަދަނީ ރައްޔިތަކު ޝަހީދުވެ، އިތުރު 8 މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެވެއެވެ.
މި ދެމިގެންދާ އަނިޔާވެރިކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކުރުންތައް އިތުރުވެ، ވަގުތުން ހަނގުރާމަ ހުއްޓާލައި މަޝްވަރާތަކަށް އެނބުރި އައުމަށް ގޮވާލާފައިވެއެވެ. އދ އާއި އެކި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން މަދަނީ ރައްޔިތުންގެ މަރު އަދަދު އިތުރުވަމުންދާތީ އާއި ޣައްޒާގެ މުހިންމު ވަސީލަތްތައް ހަލާކުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.