ޚަބަރު
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އިދާރާތަކުން ގުޅިގެން މަސައްކަތްކުރުން މުހިންމު: ޕީޖީ

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ފޮޓޯ:ޕީއެސްއެމް
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. ޕީޖީ މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީޖީ ވިދާޅުވީ، 13 އަހަރުގެ ކުޑަކުއްޖަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއްގައި އަނިޔާވެރިޔާއަށް ޙައްޤު އަދަބު ދެވިފައިވީ ނަމަވެސް، އެ ކުއްޖާއާއި އާއިލާއަށް ދޭންޖެހޭ އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ދެވިފައި ނުވަނީ އިދާރާތަކުން އެންމެން ގުޅިގެން މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުންކަމަށެވެ.
އެކަން އެހެން ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ކޮންމެ އިދާރާއަކުންވެސް ކޮންމެވެސް ސަބަބަކާހުރެ މިހާތަނަށް މަސައްކަތްކުރެވިފައި ހުރީ އެ މުއައްސަސާއަކަށް މަތިކޮށްފައިވާ މެންޑޭޓުގެ ތެރެއިން ބަންދުވެ ތިބެ ވަކިވަކި މުއައްސަސާއެއްގެ ގޮތުގައި ކަމަށް ވީތީ. ކޮންމެ ބައެއްވެސް އެބަޔަކަށް ރީތި އަދި އެބަޔެއްގެ ބަޖަޓު ތަންދޭވަރުގެ ފޮރިގަނޑެއް ގަނެގެން އެބަޔަކަށް ކަމުދާ ކޯޓެއް ފަހައިގެން މަސައްކަތްކުރެވިފައިވާތީ
ޕީޖީ
މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ޔުނިސެފްގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް، ޑރ. އެޑްވާޑް އަޑާއީ ވިދާޅުވީ، ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރެވިއްޖެނަމަ ޤައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 އަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި 16 އިދާރާއަކުން ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި ބައިވެރިވެފައިވާއިރު، 11 އިދާރާއެއް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ.