Ads by Aqeeqa Maldives

ޚަބަރު

ބީސީސީއަށް 8 އަހަރު ފުރުމުން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ބީސީސީއަށް 8 އަހަރު ފުރުމުން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ބީސީސީއަށް 8 އަހަރު ފުރުން ފޮޓޯ:ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2025، 11:48

10 މޭ 2025، 11:48

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ 8 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. 

ބީސީސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އިތުރަށް ބާރުވެރިކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ 50 މިލިއަން ރުފިޔާގެ ރައުސްމާލަކާ އެކުގައެވެ. 

ބީސީސީ އިން ރާއްޖޭގެ 7 ސަރަޙައްދެއްގައި ބިޒްނަސް ސެންޓަރުތައް ހިންގަމުން ގެންދެއެވެ. އެއީ މާލެ، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ބިޒްނަސް ސެންޓަރުތަކެވެ. މި ސެންޓަރުތަކުން ވިޔަފާރިއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވޯކްޝޮޕްތައް ހިންގައި، އެ ސަރަޙައްދުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.



ބީސީސީ އަކީ "ވަން ގަވް" މެދުވެރިކޮށް ޚިދުމަތްދޭން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏެވެ. އަދި އިޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ބީސީސީ އިން މަސައްކަތް ކުރަމުން ގެންދެއެވެ.

ބީސީސީ އަކީ އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ކުދި ވިޔަފާރިތަކަށް އެހީތެރިވެ، އެ ވިޔަފާރިތައް ކުރިއަރުވައި، އިތުރަށް ބާރުވެރިކުރުމެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS