ޚަބަރު
ކުދިންގެ ހެދިބޮޑުވުމާއި، ޝަޚުސިއްޔަތު ބިނާކުރުމަށް އެންމެ ރަނގަޅީ ޢާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ ރައްކާތެރި ވެއްޓެއް : ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު

ކުޑަކުދިންގެ ދުވަސް ފޮޓޯ:ރައީސް އޮފީސް
ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ. މި މެސެޖުގައި ވަޒީރު ވަނީ ކުޑަކުދިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ކުޑަކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، އަޅައިލާ ބަލަހައްޓާ ފަރާތްތަކަށް، އަދި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާފައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިއެވެ. މި ޝިއާރަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މި ޝިޢާރުން ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއްގެ ވާހަކަ ބުނެދޭކަމަށެވެ. އެއީ ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތާއި، ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތައްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ ޢާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، ޢާއިލީ ވެއްޓެއްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ޙާލަތްތައް ވެސް މެދުވެރިވާކަމަށެވެ. ނަމަވެސް މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ، ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުން ދައްކާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމުގެ ދަށުން، ޢާއިލާތަކުގެ ޙާލަތު ބަދަލުކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން ޢާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ހާމަކުރެެއްވި ގޮތުގައި، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވެއެވެ. އަދި މި މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރައްވާ މަސައްކަތްތަކުގެ ރީތި މިސާލެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން، ކުދިންނަށް އުފާވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، ކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް ވަޒީރު އިލްތިމާސްކުރައްވާފައިވެއެވެ.