ޚަބަރު
ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޚިޠާބެއް ދެއްވާފައެވެ. މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކުޑަކުދިންނަކީ އެންމެންގެ ހިތްތަކުގެ ހަމަޖެހުމާއި ޤައުމުގެ ދެމިއޮތުން ކަމަށާއި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން ޢަޒުމު ކަނޑައެޅުމަށެވެ. އަދި ކުޑަކުދީންނަށްޓަކައި، ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ ރީތި މާޙައުލެއް ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވީ ޒަމާނަށް ފެތޭ، މާދަމާއަށް ބޭނުން ހިފޭނެ ތަޢުލީމާއި ތަމްރީނު ކުޑަކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންނަށް ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ޤައުމުދެކެ ލޯބިވުމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މާދަމާ ދިވެހި ޤައުމާއިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އެންމެން އެކަމަށް މަސައްކަތްކޮށްދީގެންކަމުގައި ފާހަގަކުރެއްވިއެވެ.