ދީން

ނަމާދު ޤާއިމް ކުރުމަކީ މަރު އަމާންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް: ޚުޠުބާ

ނަމާދު ޤާއިމް ކުރުމަކީ މަރު އަމާންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް: ޚުޠުބާ

ނަމާދަކީ އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަން ---

farudhun logo

ފަރުދުން

09 މޭ 2025، 03:01

09 މޭ 2025، 03:01

ނަމާދު ޤާއިމް ކުރުމަކީ މަރު އަމާންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމެކެވެ. 

މާތް ﷲ، އެކަލާނގެ އަޅުތަކުންނަށް އެންމެ ފުރަތަމަ ވާޖިބު ކުރެއްވި އަޅުކަމަކީ ނަމާދެވެ. މި އުއްމަތަށް ނަމާދު ފަރުޟުކުރެއްވީ ރަސޫލާ صـلّى الله علـيـه وسـلّم އާއިގެން مِعْرَاج ކުރެވުނު ރޭ، މެދުވެރިޔަކު ނެތި، ސީދާ އެކަލޭގެފާނަށް މާތް ﷲ ބަސް ވަޙީކުރައްވައިގެންނެވެ. 

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލަކީ ވެސް ނަމާދު ކަމުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

ނަމާދަކީ މަރު އަމާންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ އިތުރުން، ކަށްވަޅުގެ އެކަވެރިކަމުންނާއި، އަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޤިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. 

މިއަދުގެ ޚުޠުބާގައި ވަނީ ކީރިތި ޤުރުއާނަށާއި، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم ގެ ސުންނަތަށް ފުރަގަސްދޭ މީހުންގެ ހާލަތު ޤިޔާމަތް ދުވަހު ހުންނާނެ ގޮތް ވެސް ބަޔާންކުރައްވާފައެވެ. 

އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށާވަރުން އެ މީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މީހަކު ކަނުމީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެ މީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މި އަޅާ މަޙުޝަރަށް ފޮނުއްވެވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާ ވީމެވެ. އެ ކަލާނގެ ވަޙީ ކުރައްވާނެތެވެ. ހަމަ އެ ފަދައިން ތިމްރަސްކަލާންގެ އާޔަތްތައް ކަލެޔާ ހަމައަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާންނައްތައިލީމުއެވެ. ހަމަ އެ ފަދައިން، މިއަދު ކަލޭގެ މަތީން ހަނދާން ނައްތައިލެވޭނެތެވެ.

މާތް ﷲ ވަޙީ ކުރެއްވެވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

މީގެ އިތުރުން، މުސްލިމުންގެ މާތް ސިފަތައް ކަމުގައިވާ ﷲ ހަނދުމަ ކުރުމާއި، ނަމާދު ޤާއިމް ކުރުމާއި އަދި ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތައް ވެސް ހުކުރު ޚުޠުބާގައި ހަނދުމަކޮށްދިނެވެ. އެގޮތުން އެއީ ހަވާނަފްސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާޙިޝް ޢަމަލުތައްކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މީގެ ތެރޭގައި، ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޖުވާކުޅުން ފަދަ ފާޙިޝް ޢަމަލުތައް ހިމެނެއެވެ. 

މިފަދަ ޢަމަލުތަކަކީ ޝައިޠާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށްޓަކައި، ނުހަނު ޒީނަތްތެރިކޮށް އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެއްކަމަށް ވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. 

މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ.

إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ 

ޝައިޠާނާ އެދޭކަން ކަށަވަރީ ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމެވެ. ފަހެ، ތިޔަބައި މީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓައިލާން ހެއްޔެވެ؟ (އެބަހީ: ތިޔަބައި މީހުން އެ ކަންތައްތައް ހުއްޓައިލާށެވެ.)

ޤިޔާމަތް ދުވަސް ދާދި ކައިރީގައި އޮތްކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި މަރަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިލާންޖެހޭނެ ކަމެއްކަމަށް ވެސް ހަނދާންކޮށްދިނެވެ. 

އެހެންކަމުން އުޚްރަވީ ހަޔާތް ހޯދުމުގައި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ޙަދީޘް ބަސްފުޅުތަކަށް ޢަމަލުކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

މި ލިޔުން ކިޔާލުމުން