ދުނިޔެ
އިސްރާއީލުން އަންރުވާގެ ސްކޫލްތަކަށް ރެއިޑްކޮށް ކުދިން ބޭރަށްނެރެފި

ޣައްޒާގެ ސްކޫލެއްގެ ކުދިން ފޮޓޯ:އިންޓަނެޓް
އީސްޓް ޖެރޫސަލަމްގެ ޝުއަފާތް ރެފިއުޖީ ކޭމްޕްގައި ހުރި އަންރުވާއިން ހިންގާ ތިން ސްކޫލަކަށް އިސްރާއީލުގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން، ހަތިޔާރު އެޅި ސެކިއުރިޓީ ބާރުތަކާއެކު ރެއިޑްކޮށްފިއެވެ. މިކަން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެ ސްކޫލްތައް ބަންދުކުރުމަށް މަސައްކަތްކުރުމުގެ ގޮތުންކަމަށް ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ އަންރުވާއިން ބުނެފައިވެއެވެ.
މި ރެއިޑްތައް ކުރިއަށް ގެންގޮސްފައިވަނީ އިސްރާއީލާއި އޮކިއުޕައިޑް އީސްޓް ޖެރޫސަލަމްގައި އަންރުވާގެ ހަރަކާތްތައް މަނާކުރާ އައު އިސްރާއީލީ ޤާނޫނުތަކެއްގެ ދަށުންނެވެ. އަދި މިއީ އޭޕްރިލް މަހު އިސްރާއީލުގެ އެޑިއުކޭޝަން މިނިސްޓްރީން އެ ސިޓީގައި ހުރި އަންރުވާގެ 6 ސްކޫލެއް ބަންދުކުރުމަށް އަމުރުކުރުމާ ގުޅިގެން ހިންގި ރެއިޑްތަކެކެވެ.
މި އަމުރުތައް ތަންފީޒުކުރަން ފަށާނީ މެއި 7 އަދި 8 ވަނަ ދުވަހުއެވެ. މިކަމުގެ ސަބަބުން ސްކޫލް އަހަރު ނިމުމަށް ހަމައެކަނި ހަފްތާތަކެއް ބާކީ އޮއްވާ 800 އެއްހާ ކުދިން ތަޢުލީމު ހޯދުމުގެ ފުރުސަތު ގެއްލޭނެއެވެ.
އަންރުވާއިން ބުނާ ގޮތުގައި އިސްރާއީލީ ބާރުތަކުން އެއް ސްކޫލެއްގެ މުވައްޒަފެއް ހައްޔަރުކޮށް، މުވައްޒަފުންގެ އައިޑީ ނަންބަރުތައް ނަގައި، އަދި ކްލާސްތަކުގައި ތިބި 550 ދަރިވަރުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.
އަންރުވާއިން އިތުރަށް ބުނެފައިވަނީ އޮކިއުޕައިޑް އީސްޓް ޖެރޫސަލަމްގެ އިތުރު ތިން ސްކޫލެއްގައިވެސް ފުލުހުން ބަހައްޓަމުންދާ ކަމަށެވެ. މުވައްޒަފުން ބުނާ ގޮތުގައި ވާދީ ޖޯޒް، ސޫރު ބާހިރު އަދި ސިލްވާންގެ ސްކޫލްތަކުގައި ތިބި 250 ދަރިވަރުން ސަލާމަތްތެރިކަމަށްޓަކައި ދޫކޮށްލަން ޖެހުނެވެ.
އޮކިއުޕައިޑް ވެސްޓް ބޭންކުގައި އަންރުވާގެ ކަންކަން ބަލަހައްޓާ ޑިރެކްޓަރު ރޯލަންޑް ފްރީޑްރިޗް ވިދާޅުވީ މިއީ އދ. ގެ އިމްތިޔާޒުތަކާއި ރައްކާތެރިކަމަށް ކުރެވޭ ނުރައްކާތެރި ޚިލާފުވުމެއް ކަމަށެވެ. އަދި މިއީ ކުޑަކުދިންނަށް ޓްރޯމަޓައިޒިންގ ތަޖުރިބާއެއް ކަމަށާއި، މިހާރު ހިނގަމުންދާ ސްކޫލް އަހަރު ނިމޭނީ 20 ޖޫން 2025 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.