ދުނިޔެ

ޣައްޒާގެ ޒަޚަމްވެފައިވާ ކުޑަކުދިންނަށް ފަރުވާދިނުމަށް އިނގިރޭސިވިލާތުން އިންކާރުކޮށްފި

ޣައްޒާގެ ޒަޚަމްވެފައިވާ ކުޑަކުދިންނަށް ފަރުވާދިނުމަށް އިނގިރޭސިވިލާތުން އިންކާރުކޮށްފި

ޣައްޒާގައި ޒަހަމްވެފައިވާ ބައެއް ކުދިން ފޮޓޯ:އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 މޭ 2025، 04:41

08 މޭ 2025، 04:41

ހައްސާސް މައްސަލައެއްގެ ގޮތުގައި ބެލެވޭ ޣައްޒާގެ ޒަޚަމްވެފައިވާ ކުޑަކުދިންނަށް ފަރުވާދިނުމަށް އިނގިރޭސިވިލާތުން އިންކާރުކޮށްފިއެވެ. މިއީ އެ ޤައުމުން ކުރިން ޔޫކްރެއިންގެ ކުޑަކުދިންނަށް ދިން އެހީތެރިކަމާ އަޅާބަލާއިރު ވަރަށް ތަފާތު ގޮތެއްގައި ޢަމަލުކުރި ގޮތެއްކަމަށް ބެލެވެއެވެ.

2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންއަށް ހަނގުރާމަ އިޢުލާނުކުރުމާ ގުޅިގެން، އިނގިރޭސިވިލާތުން ވަނީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ 21 ކުޑަކުދިން އެ ޤައުމަށް ގެނެސް، އެ ޤައުމުގެ ޞިއްޙީ ޚިދުމަތް މެދުވެރިކޮށް ފަރުވާ ދީފައެވެ. އޭރުގެ ޞިއްޙަތާބެހޭ ވަޒީރު ސަޖިދު ޖާވިދު ވިދާޅުވެފައިވަނީ މިއީ އެ ކުދިންނަށް ފުރާނަ ސަލާމަތްކޮށްދޭ ފަރުވާއެއް ކަމަށެވެ.

އެހެންނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެތައް މަސައްކަތެއް ކުރުމަށްފަހު ވެސް އިނގިރޭސިވިލާތަށް ގެނެވުނީ އެންމެ ދެ ކުއްޖެކެވެ. އެ ދެ ކުދިންނަކީ ވެސް އިސްރާއީލުގެ ހަމަލާތަކުގައި އެންމެ ބޮޑަށް ޒަޚަމްވެފައިވާ ކުދިންނެއް ނޫނެވެ. އަދި އެ ކުދިންނަށް ފަރުވާ ދެނީ ވެސް އިނގިރޭސި ސަރުކާރުގެ އެހީތެރިކަމެއް ނެތި، އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޕްރޮޖެކްޓް ޕިއުއަރ ހޯޕްގެ ފަރާތުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޣައްޒާގެ ޒަޚަމްވެފައިވާ ކުދިންނަށް އެހީތެރިކަން ނުދިނުމުގެ އިތުރުން، އެ ކުދިން އެ ޤައުމަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއަޅާފައެވެ. ސަރުކާރުގެ އިދާރާތަކުން ވަނީ އެކި ބާވަތުގެ ސަބަބުތައް ދައްކައި، އެ ކުދިންނަށް ވީޒާ ދިނުމަށް އިންކާރުކޮށްފައެވެ. މިއީ ކުރިން ޔޫކްރެއިން، ސީރިއާ އަދި އަފްޣާނިސްތާނުގެ ކުދިންނަށް އެހީތެރިވެދިން ގޮތާ ވަރަށް ތަފާތު ގޮތެއްކަން ފާހަގަކުރެވެއެވެ.

އިނގިރޭސިވިލާތުގެ އެކި ހޮސްޕިޓަލްތަކުން ޣައްޒާގެ ކުދިންނަށް ފަރުވާދިނުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައިވީ ނަމަވެސް، ސަރުކާރުން ވަނީ މިކަމަށް ހުރަސްއަޅާފައެވެ. މިކަމާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އިނގިރޭސިވިލާތުގެ ސަރުކާރުން މިކަމުގައި ޢަމަލުކުރާ ގޮތް ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS