ރިޕޯޓް

ރާއްޖޭގައި ތެލެސީމިއާގެ ފަރުވާއާމެދު ރައީސް މުޢިއްޒު ގެންގުޅުއްވަނީ އުންމީދީ ތަޞައްވުރެއް

ރާއްޖޭގައި ތެލެސީމިއާގެ ފަރުވާއާމެދު ރައީސް މުޢިއްޒު ގެންގުޅުއްވަނީ އުންމީދީ ތަޞައްވުރެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތެލެސީމިއާ ސެންޓަރަށް ޒިޔާރާތްކުރެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 މޭ 2025، 04:19

08 މޭ 2025، 04:19

އަޅުގަނޑުމެންގެ މިކުޑަކުޑަ ވަޠަނުގައި ތެލެސީމިއާގެ ސަބަބުން އެތައް ޢާއިލާއެއް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ލޭލިބުމުގެ ދަތިކަމާއި ، ރަނގަޅު ހޮސްޕިޓަލެއް ނެތުމުގެ ދަތިތަކާއި ހިދުމަތް ފޯރުކޮށްދިނުމުގައި ވަނީ ގިނަ އުނދަގޫތަކާއި ކުރިމަތިލާފައެވެ.

ރާއްޖެ ހިމެނެނީ އާބާދީގެ ނިސްބަތުން ތެލެސިމިއާ ކުދިން އެންމެ ގިނަ އެއް ޤައުމުގެ ގޮތުގައެވެ. މިގޮތުން މިދިޔަ 2024 ވަނަ އަހަރު 18 ކުއްޖަކު ތެލެސީމިއާއަށް ރަޖިސްޓްރީވެފައިވާއިރު މިއަހަރުގެ މިހާތަނަށް 5 ކުއްޖަކުވަނީ ތެލެސީމިއާއަށް ރަޖިސްޓަރކޮށްފައެވެ. ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ދަފްތަރު އެކުލަވާލާފައިވަނީ 1992 ވަނަ އަހަރުގައެވެ. އަދި ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި 968 ކުއްޖަކު ރަޖިސްޓަރ ކޮށްފައިވާއިރު، މީގެތެރެއިން މިވަގުތު 670 ކުދިން ޚިދުމަތް ހޯދަމުންދާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

 އެހެނަސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މި ދަތި ޙާލަތަށް އައު އުއްމީދެއްގެ އަލިކަމެވެ. މިހާރުގެ ސަރުކާރުން ތެލެސީމިއާ ކުދިންނަށް ދެއްވަމުންގެންދަވާ ޚާއްޞަ ސަމާލުކަމާއި އަޅާލުމަކީ ޙަޤީޤަތުގައިވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ރާއްޖޭގެ ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން މިހާރު ވަނީ ފަށާފައެވެ.ސިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި 9000 އަށްވުރެ ގިނަ ފަރާތް މިހާތަނަށް ސްކްރީން ކުރެވިފައިވާއިރު ޑިއެންއޭ ހަދައިގެން ހާހަކަށްވުރެ ގިނަ ކުދިންނަށް ތެލެސީމިއާއަށްވަނީ ޓެސްޓުކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އާސަންދަ މެދުވެރިކޮށް މިޚިދުމަތްދޭން މިދިޔަ އަހަރުވަނީ ފަށާފައެވެ.

ރާއްޖޭގައި ތެލެސީމިއާގެ ފަރުވާއާމެދު ރައީސް މުޢިއްޒު ގެންގުޅުއްވަނީ އުންމީދީ ތަޞައްވުރެއް

ތެލެސީމިއާ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ރައީސް އަޑުއައްސަވަނީ

ކުރީގެ ސަރުކާރުތަކުން މިފަދަ މުހިންމު ޞިއްޙީ މައްސަލައަކަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާފައިނުވާކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. "ފަސްއެޅުމަކީ ރަނގަޅުކުރުމެއް ނޫން"،  މި ޙިކުމަތްތެރި ބަހުގައިވާ ފަދައިން، ކުރީގެ ސަރުކާރުތަކުން ތެލެސީމިއާގެ މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިވާނަމަ، މިއަދު އަޅުގަނޑުމެންގެ ޙާލަތު މިއަށްވުރެ މާ ރަނގަޅުވެފައި އޮތީހެވެ.

އެހެންނަމަވެސް، މިއަދުގެ ސަރުކާރުން ވަނީ މި މުހިންމު މައްސަލައަށް ޚާއްޞަ އިސްކަމެއް ދެއްވައި، ތެލެސީމިއާ ކުދިންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ބޯން މެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވުމާއި، ތެލެސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ .   ރަށްރަށުގައި ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރޭ، އެ ކުދީންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް

ރައީސް މުޢިއްޒު

ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ތެލެސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ޤާއިމްކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އިޚްލާޞްތެރި މަސައްކަތުގެ ހެއްކެކެވެ. މި ހޮސްޕިޓަލް އިމާރާތްކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ ބިމެއް ކަނޑައަޅާފައެވެ.

ސަރުކާރުގެ އެހީތެރިކަމާއެކު ބޯންމެރޯ ހަދަން ދާކުދިންގެ ނިސްބަތް އިތުރުކޮށްފައިވާއިރު މިދިޔަ 2024 ވަނަ އަހަރު 14 ކުއްޖަކު ބޯންމެރޯ ހަދަންވަނީ ފޮނުވާފައެވެ. އަދި ކާމިޔާބުކަމާއެކު ބޯންމެރޯހެދުމަށްފަހު މީގެތެރެއިން 13 ކުއްޖަކު ރާއްޖެއަށް އައިސްފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޓީ 2 ސްޓަރ ޓެސްޓް" ހެދޭނެ އިންތިޒާމުވެސް މިދިޔަ އަހަރުގެތެރޭގައިވަނީ ހަމަޖައްސަވާފައެވެ.

ތެލެސީމިއާ  ކުދިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަގުހުރި ބައެކެވެ. އެހެން ކުދިންނެކޭ އެއްފަދައިން އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުޞަތުތަކެއް އެކުދިންނަށް ވެސް ފަހިވެފައި އޮންނަންވާނެއެވެ. މިއަދުގެ ސަރުކާރުން މިކަމަށް ދެއްވާ ސަމާލުކަމަކީ މި ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ލިބޭ ބޮޑު ހިތްވަރެކެވެ.

އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް. އެހެންކަމުން، ތެލެސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ

ރައީސް މުޢިއްޒު

ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަން ވެސް މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ. ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ އެކުދިންގެ ދިރިހުރުމުގެ އުއްމީދެވެ.

އެ ކުދީންގެ ފުރާނައިގެ ޙައްގުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވޭ. އެ ކުދީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުއާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް، ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫން

ރައީސް މުޢިއްޒު

މި ސަރުކާރަކީ ނަތީޖާ ނެރޭނޭ ސަރުކާރެއްކަން ތެލެސީމިއާ ކުދިންނަށް ކުރަމުންދާ މަސައްކަތުން ސާފުކޮށް ފެންނަމުންދެއެވެ. ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭތަނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަކީ މިކަމުގެ ހެއްކެކެވެ.

ރާއްޖޭގައި ތެލެސީމިއާގެ ފަރުވާއާމެދު ރައީސް މުޢިއްޒު ގެންގުޅުއްވަނީ އުންމީދީ ތަޞައްވުރެއް

އޮރެންޖް ހިޔާގައި އަލަށް ހެދި ތެލެސީމިއާ ސެންޓަރ

އެ މަސައްކަތުގެ ތެރެއިން، ތެލެސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ ބައްދަލުކުރައްވައި، އެ ކުދީންނަށް ފަރުވާ ދޭގޮތް ދެކެވަޑައިގަތުމަށްފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން ފިޔަވަޅު އަޅުއްވާއެ މަސައްކަތުން އެ ކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ރައީސް ވަނީ ގެނެސްދެއްވަން އަޒުމް ކަނޑައަޅުއްވާފައެވެ.

ތެލެސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެކަށީގެންވާ ފަރާތެއް ޢައްޔަނުކުރެއްވުމާއި، އިތުރު ނަރުހުން ނެގުމަށް އިޢުލާންކުރެއްވުމަކީ ސަރުކާރުގެ އަވަސް ފިޔަވަޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ. އަދި ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ވެސް އުފާވެރި ކަމެކެވެ.

ހަމައެކަނި ފަރުވާއެއް ނޫން. އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ

ރައީސް މުޢިއްޒު

"އޮރެންޖް ހިޔާ" އަށް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާ މިހާރު ވަނީ ޒަމާނީ އަދި ރީތި ތެލެސީމިއާ ސެންޓަރެއް ހަދާ ނިންމާފައެވެ. ވަރަށް ގިނަ ދުވަސްވެ، ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށް، ހެލްތު މިނިސްޓްރީއާ މިއަދުވަނީ ހަވާލުކޮށްފައެވެ. 1994ގައި މާޅޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ޤާއިމުކޮށްފައިވާއިރު ، އެ މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ނުވުމާއި އިމާރާތް ބައުވުމުގެ ކަންބޮޑުވުން އާއިލާތަކުން އައީ ފާޅުކުރަމުންނެވެ. އޮރެންޖް ހިޔާއަށް އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ތެލެސީމިއާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ލިބޭ ބޮޑު ލުޔެކެވެ.

ނިންމާލުމުގެ ގޮތުން ދަންނަވާނީ، މިއަދުގެ ސަރުކާރުން ތެލެސީމިއާ ކުދިންނަށް ދެއްވާ ސަމާލުކަމާއި އަޅާލުމަކީ ފަޚުރުވެރިވާންޖެހޭ ކަމެކެވެ. މިފަދަ މަސައްކަތްތައް ކުރީ ސަރުކާރުތަކުން ފަށާފައިވާނަމަ، މިއަދު އަޅުގަނޑުމެންގެ ޙާލަތު މިއަށްވުރެ މާ ރަނގަޅުވެފައި އޮތީހެވެ. ނަމަވެސް މިހާރުން މިހާރަށްވެސް މިފަދަ މުހިންމު މަސައްކަތްތަކެއް ފެށިގެންދިއުމަކީ އުފާވެރި ކަމެކެވެ. މި މަސައްކަތްތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް އުޖާލާ މުސްތަޤުބަލެއް ކުރިމަތިވެގެންދާނެކަން ޔަޤީނެވެ.

ތެލެސީމިއާއަކީ ދިވެހިރާއްޖޭގައި ދިމާވެފައިވާ ބޮޑު ޞިއްޙީ މައްސަލައެއްކަން އެންމެންނަށްވެސް އެނގެއެވެ. މި ބަލީގެ ސަބަބުން އެތައް ކުދިންނަކާއި ޢާއިލާތަކެއް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ. އެހެންކަމުން، މި ބަލި ކޮންޓްރޯލްކުރުމަށާއި ބަލީގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އެހީތެރިވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ އެންމެ އެކަށީގެންވާ ވަގުތުގައި ފެށިގެންދިޔަ މުހިންމު މަސައްކަތްތަކެކެވެ.

 ތެލެސީމިއާ ކުދިންނަށް ސަރުކާރުން ދެއްވާ ސަމާލުކަމާއި އަޅާލުމަކީ ހަމައެކަނި އެކުދިންނަށް އެކަންޏެއް ނޫނެވެ. މުޅި މުޖުތަމަޢަށް ލިބޭ ހިތްވަރެކެވެ.  މިފަދަ މަސައްކަތްތަކުގައި ސަރުކާރަށް އެހީތެރިވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްގެން ތެލެސީމިއާ ކުދިންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ.
                    


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS