ޚަބަރު
ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތާވަލާ އެއްތޮގަށް ނިންމާލުމުން ޤައުމީ ދިފާއީ ބާރަށް ރައީސް ޝުކުރު އަދާކުރައްވައިފި

ތެލެީމިއާ ސެންޓަރުގައި ސިފައިން ލޭ ހަދިޔާކުރަނީ ފޮޓޯ: ސިފައިން
ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރު ޤާއިމުކުރުމަށް އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން ތާވަލާ އެއްގޮތަށް ނިންމާލާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދިފާޢީ ބާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށް ނުދާތީ، އެ މަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާ ހަވާލުކުރެއްވީއެވެ. އަދި އެއްމަސްތެރޭގައި އެ މަސައްކަތް ނިންމާ މިއަހަރުގެ ތެލެސީމިއާ ދުވަހު އެތަން ޚިދުމަތަށް ގެންނަވާނެކަމަށްވެސް އޭރު ވިދާޅުވިއެވެ.
ސިފައިން މި މަސައްކަތް ފެއްޓެވީ މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެމްއެންޑީއެފްއިން ބުނިގޮތުގައި، ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެނެސް، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. ސިފައިންގެ އެކި ޑިޕާޓުމަންޓުތަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޕްރޮޖެކްޓްގެ ހުރިހާކަމެއް ބެލެހެއްޓީ އެމްއެންޑީއެފްގެ ސަރވިސް ކޯގެ ބެލުމުގެ ދަށުންނެވެ.
ތެލެސީމިއާ ދުވަހާ ދިމާކޮށް، 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީން ވަނީ އެ ސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.