ޚަބަރު
ތަމްރީނުގެ ތެރެއިން ޚާލު ދެރަވި ޕޮލިސް ކޮންސްޓަބަލް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

އައިޖީއެމްއެޗް ފޮޓޯ:ޑަބްލިއުއެޗްއޯ
ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރަމުންދިޔަ 34 އަހަރުގެ ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް މިއަދު ހަވީރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ދ. ވާނީގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް މިދިޔަ އާދީއްތަ ދުވަހު ޙުސައިން ގާއިސްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެވުނެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ މަރްޙޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އަދި އެކުގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ އެހެން ފުލުހުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.