ޚަބަރު
ޖަޕާނުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަނީ

ދެެ އުޅަނދު ހަދިޔާކުރުމާ ގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ:ވުޒާރާ
ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމަށް ނިންމައިފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި "ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެެ އުޅަނދު ހަދިޔާކުރުމާ ގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ވަނީ ސޮއިކުރެވިފައެވެ.
Maldives and Japan Sign Exchange of Notes for the Provision of two Harbour Crafts to MNDF Coast Guard
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 7, 2025
📃 Press Release | https://t.co/nZzoRiqdOH pic.twitter.com/m93KrdLBnZ
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، "މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުވުމާއި ގުޅިގެން، ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ" ކަމަށެވެ.
މީގެއިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕާނީސް ޔެން (2.8 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.