ދީން

ނަމާދާއި ދުރުހެލިވެ ނަމާދު ކުރާހިތްނުވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް!

ނަމާދާއި ދުރުހެލިވެ ނަމާދު ކުރާހިތްނުވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް!

ﷲ ނަމާދު ފަރުޟު ކުރެއްވީ އަޅުގަނޑުމެންނަށް ދެއްވާ ހަދިޔާއެއްގެ ގޮތުގަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 04:32

07 މޭ 2025، 04:32

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އުފުލަމުންދާ ހިމޭން ހިތާމައެއް ވެއެވެ. އެއީ ނަމާދު ނުކުރުމުގެ ސަބަބުން އަންނަ ބުރަކަމެވެ. އަޅުގަނޑުމެންނަށް އެކަން އިހުސާސްކުރެވެނީ ބަންގިތަކުގެ ދެމެދުގައިވާ ހަމަހިމޭންކަމުގައި، ސަޖިދަ ނުކުރެވި ދޫކޮށްލެވޭ ވަގުތުތަކުގައި، އަދި އަޅުގަނޑުމެންގެ ނަފުސަށް ވަޞްވާސްދޭ އުޒުރުތަކުގައެވެ. "އަހަރެން ވަރުބަލިވެއްޖެ" ، "ފަހުން ކޮށްލާނަން" "މިއަދު ނަމާދުކުރާ ހިތެއް ނުވޭ" މިފަދަ އެތައް އުޒުރެކެވެ.

އެހެނަސް ހަގީގަތަކީ، ނަމާދު ނުކުރުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. އެއީ މީހަކު އަޅުގަނޑުމެންނަށް ފާޑުކިޔާނެތީއެއް ނޫނެވެ. އެހެނަސް އަޅުގަނޑުމެން އެންމެ ލޯބިވާ ފަރާތާ ދުރަށްދާތީއެވެ.

އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ، ﷲ ނަމާދު ފަރުޟު ކުރެއްވީ އަދަބެއްގެ ގޮތުގައި ނޫންކަމެވެ. އެކަލާނގެ އެކަން އަޅުގަނޑުމެންނަށް ދެއްވީ ހަދިޔާއެއްގެ ގޮތުގައެވެ. ދުވާލަކު ފަސްފަހަރު އަޅުގަނޑުމެންނަށް ދުނިޔެ ދޫކޮށް އެކަލާނގެއާ އެކަނި ބައްދަލުކުރެވޭ ޚާއްޞަ ބައްދަލުވުމެއްގެ ގޮތުގައެވެ.ކޮންމެ ނަމާދަކީ ދަޢުވަތެކެވެ - އުނދަގޫކަމާއި، ކަންބޮޑުވުމާއި، ފާފައިގައި އަޅުގަނޑުމެން ޣަރަޤުވަމުންދާއިރު އެކަންކަމުން ދުރުކޮށްދޭ ކަމެކެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ:

اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ
ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.

(ސޫރަތުލް ޢަންކަބޫތު: 45)

އަޅުގަނޑުމެން ނަމާދު ލަސްކޮށް ނުވަތަ އިހުމާލުވާއިރު،  ނިގުޅައިގަންނަނީ ހަމައެކަނި އަޅުގަނޑުމެންގެ ގަވާއިދެއްނޫނެވެ. އަޅުގަނޑުމެންގެ ހަމަޖެހުމުން ދުރަށް ދަނީއެވެ. މިއީ އަޅުގަނޑުމެންގެ ރޫޙާނީ ދިރިއުޅުމުގައި މައްސަލައެއް އުޅޭކަމުގެ އިންޒާރެކެވެ.ނަމާދާމެދު ފަރުވާކުޑަކުރުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ފަރުވާކުޑަކުރުމެއް ނޫނެވެ. އެއީ ގިނަފަހަރު އެއަށްވުރެ ފުންކަމެއްގެ އަލާމާތެކެވެ . ވަރުބަލިވެފައިވާ، ސަމާލުކަން ގެއްލިފައިވާ، ނުވަތަ މަޑުމަޑުން ހަރުކަށިވަމުންދާ ހިތެއްގެ އަލާމާތެކެވެ. އެއީ ﷲއާ އޮތް ގުޅުން ދެރަވަމުންދާކަމުގެ ނިޝާނެކެވެ. އަދި އެކަމުން އަޅުގަނޑުމެންނަށް "ރިހުން" ގެނުވަންވާނެއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

"ޤިޔާމަތް ދުވަހު އިންސާނާއާ އެންމެ ފުރަތަމަ ސުވާލުކުރެވޭނެ ކަމަކީ ނަމާދެވެ. އެކަން ރަނގަޅުވެއްޖެނަމަ، އޭނާގެ އެހެން ޢަމަލުތައްވެސް ރަނގަޅުވާނެއެވެ..." (ތިރްމިޛީ)

އަޅުގަނޑުމެންގެ ނަމާދުތައް ހުރީ ކިހިނެއްތޯ؟ އަޅުގަނޑުމެން އެކަށީގެންވާ ގޮތުގައި ނަމާދު އަދާކުރަމުންދޭތޯ؟އަޅުގަނޑުމެން އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހެއެވެ.

ނަމާދު އިހުމާލުކުރުމަކީ ހަމައެކަނި ކުޑަ ކުށެއް ނޫނެވެ - އެއީ އަޅުގަނޑުމެންގެ ރޫޙާނީ ނިޒާމުގައި މައްސަލައެއް އުޅޭކަމުގެ އިންޒާރެކެވެ. ރޫޙު ދިރިހުރިނަމަ، އެ އެދެނީ ސަޖިދަކުރުމަށެވެ. ރޫހު ބަލިވެފައިވާނަމަ، ބޭނުންވާ ފަރުވާއިން ދުރަށް ދެވެނީއެވެ.

އަޅުގަނޑުމެން ނަމާދާމެދު ފަރުވާކުޑަކޮށް ނުވަތަ ގުޅުން ކެނޑިފައިވާކަމަށް އިހުސާސްކުރެވޭނަމަ، މިއަދުން މިއަދަށް އަލުން ފަށަން ޖެހެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ:

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ ۗ إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُم مِّن دُونِهِ مِن وَالٍ
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތް އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ޙާލަތް ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ.

(ސޫރަތުއް ރަޢުދު: 11)

ތިބާ އަހަރުތަކެއް ވަންދެން ނަމާދު ނުކުރިޔަސް - ތިބާގެ ވެރިރަސްކަލާނގެ  މަޑުކުރައްވައެވެ. ތިބާ ހަމައެކަނި ހިތަށްއެރި ވަގުތެއްގައި ނަމާދުކުރިޔަސް - އެކަލާނގެ އަޑުއައްސަވައެވެ. އެހެންކަމުން، އަޅުގަނޑުމެން ކުޑަކޮށްނަމަވެސް ހިތްވަރުކޮށް ޤަވާއިދުން ނަމާދުކުރަން ފަށަން ޖެހެއެވެ. އިޚްލާޞްތެރިކަމާއެކު ކުރާ އެންމެ ސަޖިދައަކުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މަގު ބަދަލުކޮށްލެވިދާނެއެވެ.

ނަމާދަކީ ހަމައެކަނި ވާޖިބެއް އަދާކުރުމެއް ނޫނެވެ. އެއީ ﷲއާ ގާތްވުމާއި، ޝިފާ ލިބުމާއި، އަދި މި ދުނިޔެއިން އަޅުގަނޑުމެންނަށް ކޮންމެ ކަމެއް ކުރިމަތިވިޔަސް އަޅުގަނޑުމެންނަށް އަބަދުވެސް އެނބުރި ދެވޭނެ ތަނެއް އޮތްކަން ހަނދާންކޮށްދޭ ކަމެކެވެ.

އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެންމެ ހިތާމަވެރި ކަމަކީ ދުވާލަކު ފަސްފަހަރު އަޅުގަނޑުމެން ހެއްދެވި ޚާލިޤުވަންތަ ފަރާތްކަމުގައިވާ މާތްﷲއާ ވާހަކަދެއްކުމުގެ ފުރުޞަތު ގެއްލުމެވެ. އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ނަފްސުދެކެ ލޯބިނުވާ ހިނދުގައިވެސް އަޅުގަނޑުމެންދެކެ ލޯބިވާ ފަރާތުގެ ޙަޟްރަތުގައި ސަޖިދަކުރުމުގެ ފުރުޞަތު ގެއްލުމެވެ.

އެހެންކަމުން، އަޅުގަނޑުމެން މިއަދުން މިއަދަށް އަޅުގަނޑުމެންގެ ނަމާދުތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ވަގުތުތައް ރޭވުމުގައި ނަމާދަށް އިސްކަންދޭށެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި ﷲގެ މަހާބަތާއި ލޯބި އާލާކުރަމާ ހިންގަވާށެވެ.

ﷲ އަޅުގަނޑުމެން އެންމެންނަށް ނަމާދު ރަނގަޅަށް އަދާކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.


                    


                    

މި ލިޔުން ކިޔާލުމުން