ޚަބަރު
ފުލުހުންގެ އަމާޒަކީ މިއަހަރު 57 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ނިންމާލުން

ތަކަންދޫގެ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތު
މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން 57 ރަށެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަތޮޅުތަކުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މި މަޝްރޫޢަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެއްކަން ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް 2027 ގެ ކުރިން ޕޮލިސް ސްޓޭޝަންތައް ގާއިމުކުރެއްވުމަށް އަމާޒުހިފާފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރައްވާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެ ޚިދުމަތް ފެށްޓެވުމަށްފަހު ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.