Ads by Aqeeqa Maldives

ޚަބަރު

ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ވިލާ އެއަރއާއެކު މަޝްވަރާކުރަނީ

ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ވިލާ އެއަރއާއެކު މަޝްވަރާކުރަނީ

ކާޑެއްދޫ އެއަރޕޯޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 12:54

07 މޭ 2025، 12:54

ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެ އެއަރޕޯޓު ހިންގަމުންދާ ފަރާތްކަމުގައިވާ ވިލާ އެއަރއާއެކު މަޝްވަރާތަކެއް ކުރިއަށްދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ މުހިންމީ ވަކި ފަރާތަކުން އެއަރޕޯޓް ހިންގުން ނޫންކަމަށާއި، އެތަން ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށް، ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫގައި މުޅިން އާ އެއަރޕޯޓެއް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުއާ ގުޅޭގޮތުން ކާޑެއްދޫ އެއަރޕޯޓާ ހަވާލުވެފައިވާ ވިލާ އެއަރއާއެކު މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓް މިހާރު އޮތީ އަމިއްލަ ފަރާތަކާ ހަވާލުކޮށްފަ. ރައީސްގެ ނިންމެވުމާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްޤީކުރާނީ. މުހިންމު ވަކި ފަރާތަކުން އެއަރޕޯޓް ހިންގުމެއް ނޫން، ބޭނުންވާ މިންގަނޑަށް ތަރައްޤީކުރުން. މިހާރު އެބަގެންދަން، އެއަރޕޯޓާ ހަވާލުވެފައިވާ ފަރާތްތަކާއެކު އެކަމުގެ ޑައިލޮގްތައް  

ވަޒީރު މުޙައްމަދު އަމީން

ވިލާ އެއަރގެ ޗެއަރމަން ޤާސިމް އިބްރާހިމް މިއަހަރުގެ ކުރީކޮޅު ވިދާޅުވެފައިވަނީ ސަރުކާރަށާއި ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރަށް ހުންނެވިކަމަށެވެ. ނަމަވެސް މިފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ރަސްމީ ސިފައެއްގައި ހުށައަޅައިގެން ކުރިއަށްގެންގޮސްފައި ނެތްކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓުގެ ހިންގުން ވިލާ އެއަރއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަށެވެ. މި އެއްބަސްވުން 2017 ވަނަ އަހަރު ސަރުކާރުން ބާޠިލުކުރި ނަމަވެސް، ވިލާ އެއަރއިން ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި، ކާޑެއްދޫ އެއަރޕޯޓުގެ އެއްބަސްވުން ވަނީ ދަމަހައްޓާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS