ދުނިޔެ
ޕާކިސްތާނުން އދ. ގެ ސަލާމަތީ ކައުންސިލަށް ސިޔާދަތު ދިފާޢުކުރުމުގެ ޙައްޤު ހިފަހައްޓާނެކަން އަންގައިފި

އދ. ގެ ސަލާމަތީ ކައުންސިލް
ޕާކިސްތާނުން ވަނީ އެޤައުމުގެ ސިޔާދަތާއި ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އޮތްކަން އދ. ގެ ސަލާމަތީ ކައުންސިލަށް ރަސްމީކޮށް އަންގާފައެވެ. މިކަން އެޤައުމުން ވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަން މެދުވެރިކޮށް އަންގާފައެވެ.
އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، ހަތިޔާރުގެ ބާރުން އަރައިގަތުމުގެ ޙާލަތުގައި ޤައުމުގެ ސަރަޙައްދީ ސަލާމަތް ދެމެހެއްޓުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ޙައްޤު އެޤައުމަށް ލިބިގެންވެންވާކަން ޕާކިސްތާނުން ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ ފިޔަވަޅުތައް އެޅުމުގެ ޙައްޤު ތިމާމެންނަށް އޮތްކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.
ސަލާމަތީ ކައުންސިލަށް ހުށަހެޅި ލިޔުމުގައި، ފަހަކަށްއައިސް އެޤައުމުގެ ސަރަޙައްދުގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން، އެޤައުމުގެ މައުޤިފު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެންގުމަށް މަޖުބޫރުވެފައިވާކަމަށް ޕާކިސްތާނުގެ ވަފުދުން ބުނެފައިވެއެވެ. މިޝަނުން ބުނާގޮތުގައި، މިފަދަ ޢަމަލުތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމުގެ އިތުރުން، ޤައުމުތަކުގެ މެދުގައި ގެންގުޅެންޖެހޭ ބައިނަލްއަޤްވާމީ އުސޫލުތަކާ ޚިލާފު ކަންކަމެވެ.
މި އިޢުލާނުގައި، ޕާކިސްތާނަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް މަސައްކަތްކުރާ ޤައުމެއްކަމުގައި ވީނަމަވެސް، އެއްވެސް އުޒުރެއްނެތި އަރައިގަތުމުގެ ޢަމަލުތަކާ ކުރިމަތިވާއިރު އަނގަ ބަންދުކޮށްގެން ތިބޭނެ ކަމެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އެޤައުމުގެ ސަރަޙައްދީ ބޯޑަރުތަކަށް އަރައިގަތުމުގެ ޢަމަލެއް ހިންގައިފިނަމަ، ނުވަތަ އާންމު ރައްޔިތުންނަށް ހަމަލާދީފިނަމަ، އެކަށީގެންވާ މިންވަރަށް ޖަވާބުދާރީވުމުގެ ސިޔާދީ ޙައްޤު އެޤައުމަށް ލިބިގެންވާކަމަށް ބުނެފައިވެއެވެ.
ސުލލްޙަވެރި މަޤްޞަދުތައް އަލުން ތަކުރާރުކޮށް، މައްސަލަތައް ޙައްލުކުރުމުގެ މައިގަނޑު ވަސީލަތްތަކަކީ ޑިޕްލޮމަސީއާއި ޑައިލޮގގް ކަމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޤައުމީ ޢިއްޒަތާއި، ސަލާމަތާއި، ސަރަޙައްދީ އިންތަކުގެ ޙުރުމަތް ގެއްލޭ ގޮތަށް ސުލްޙަ ޤާއިމްކުރެވިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ސިޔާދަތަށް އަރައިގަތުމުގެ އެއްވެސް ޢަމަލަކަށް، ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީވާނެކަން މިޝަނުން އަލުން ތަކުރާރުކޮށްފައިވެއެވެ. އަދި ޕާކިސްތާނަށް އަމިއްލަ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އޮތްކަން ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ޤަބޫލުކުރުމަށާއި، ސަރަޙައްދީ ސުލްޙައަށް ނުރައްކާވަމުންދާ ޙާލަތަށް ސަމާލުކަން ދިނުމަށް ގޮވާލާފައިވެއެވެ.
އދ. ގެ ސަލާމަތީ ކައުންސިލަށް މިގޮތަށް ރަސްމީކޮށް އެޤައުމުގެ މައުޤިފު އެންގުމުގެ މަޤްޞަދަކީ، އެޤައުމުގެ ނިޔަތް ހާމަކުރުމާއި، ކަންކަން ގޯސްވެއްޖެނަމަ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަގުފަހިކުރުމެވެ.
މި ޑިޕްލޮމެޓިކް ފިޔަވަޅަކީ، ޕާކިސްތާނުގެ ދެކޮޅު ސިޔާސަތުގެ ހެއްކެކެވެ. އެއީ އެއްކޮޅުން ސުލްޙައަށް އެދޭއިރު، އަނެއްކޮޅުން ޤައުމީ މަޞްލަޙަތާއި ސަރަޙައްދީ ސިޔާދަތު ދެމެހެއްޓުމަށް ވަރުގަދައަށް މަސައްކަތްކުރުމެވެ.