ދުނިޔެ
އިންޑިޔާގެ ހަމަލާތަކަކީ ފިނޑި އަމަލެއް، ހަރުކަށި ޖަވާބެއް ދޭނަން: ޕާކިސްތާނުގެ ދިފާއީ ވަޒީރު

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ފޮޓޯ:އިންޓަނެޓް
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ އިންޑިޔާއިން އެ ގައުމަށް ދީފައިވާ މިސައިލް ހަމަލާތައް ކުށްވެރިކޮށް، އެއީ މަަދަނީ އާބާދީތަކަށް އަމާޒުކޮށްފައިވާ ފިނޑި އަމަލެއް ކަމުގައި ވިދާޅުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ދެއްވި ރަސްމީ ބަޔާނެއްގައި އާސިފް ވިދާޅުވީ، "ފިނޑި ދުޝްމަނުން ހަމަލާ ދިނީ ފޮރުވިގެން ތިބެގެން - އިންޑިޔާއިން ގަސްތުގައި އަމާޒުކުރީ މަދަނީ ސަރަހައްދުތަކަށް" ކަމަށެވެ. އަދި އެ ގައުމުން މިއަށްވުރެ ވަރުގަދަ ޖަވާބެއް ދޭނެކަން އެމަނިކުފާނު ޔަގީންކޮށްދެއްވިއެވެ.
"އިންޑިޔާއިން އަޅުގަނޑުމެންނަށް ހަމަލާ ދިން ގޮތަށްވުރެ ވަރުގަދަ ޖަވާބެއް އަޅުގަނޑުމެން ދޭނަން،" އެމަނިކުފާނު ހަރުކަށިކޮށް ވިދާޅުވިއެވެ. އަދި އިންޑިޔާގެ މި އަމަލުތަކަށް ޖަވާބު ނުދީ ނުދޫކޮށްލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަވާޖާ އާސިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެއްވެސް ގައުމަކުން ހާމަކޮށް އިންޑިޔާގެ މި އުދުވާނީ އަމަލުތަކަށް ތާއީދުކޮށްފައެއް ނުވެއެވެ. "މިހާރު ދުނިޔެއަށް ސާފުކޮށް އެނގޭނެ ޕާކިސްތާނަށް ހަމަލާ ދިނީ އިންޑިޔާކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕާކިސްތާނުން ޖަވާބުދާރީވާނީ އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ކަމަށެވެ. "އަޅުގަނޑުމެން ހަނގުރާމައިގެ މައިދާނުގައާއި ޑިޕްލޮމެޓިކް ދާއިރާގައި ވެސް ހަރުދަނާ ގޮތެއްގައި ޖަވާބުދާރީވާނަން،" ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިންޑިޔާއިން ޕާކިސްތާނުގެ ފަސް ތަނަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.
މީގެ ކުރިން، ޕާކިސްތާނު އަސްކަރިއްޔާގެ ތަގުރީރުކުރާ މޭޖަރ ޖެނެރަލް އަހްމަދު ޝަރީފް ޗައުދުރީ ވަނީ އިންޑިޔާގެ އުދުވާނީ އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ސަރަހައްދުތަކަށް ބޭރުގެ މީޑިއާ ބަޔަކު ގެންދިއުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ ގައުމުގެ ފުރިހަމަ އެއްބާރުލުމާއެކު މި ހަމަލާތަކަށް ފުރިހަމަ އަދި ހަރުދަނާ ޖަވާބެއް ދެމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ހާމަކުރެއްވި ގޮތުގައި އިންޑިޔާއިން ވަނީ 6 ސަރަހައްދަކަށް 24 ހަމަލާ ދީފައެވެ. މިހަމަލާތަކުގެ ސަބަބުން 8 ޕާކިސްތާނު މަދަނީ ރައްޔިތުން މަރުވެ، 35 މީހުން ޒަޚަމްވެފައިވާ އިރު، 2 މީހުން އަދިވެސް ނުފެނިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި އަހްމަދްޕޫރު އީސްޓްގައި މަސްޖިދު ސުބްހާނަށް 4 ހަމަލާ ދީފައިވާ ކަމަށާއި، މީގެ ސަބަބުން 5 މަދަނީ ރައްޔިތުން މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި 3 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، ދެ ފިރިހެނުންނާއި ދެ އަންހެނުން ހިމެނެއެވެ. ޖުމްލަ 31 މީހުން ޒަޚަމްވެފައިވާ އިރު، މިސްކިތަކާއި ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް ހަމަނުޖެހުން އުފފެދިދާނެކަމުގެ ބިރު އުފެދިފައިވާ އިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ދެ ގައުމަށް އާދޭސްކޮށް، ހަމަޖެހުމާއި ސުލްހަވެރިކަމަށް ގޮވާލާފައެވެ. އެހެންނަމަވެސް، ޕާކިސްތާނުގެ ދިފާއީ ވަޒީރުގެ ބަސްތަކުން ދޭހަވަނީ އެ ގައުމުން މި ހަމަލާތަކަށް ހަރުކަށި ޖަވާބެއް ދޭން ތައްޔާރުވަމުންދާ ކަމެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ދެ ގައުމަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ގޮވާލާފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ދެ ގައުމަށް އިލްތިމާސްކޮށް، ހަނގުރާމައިގެ ނުރައްކާތެރިކަމުން ދުރުހެލިވުމަށް އެދިވަޑައިގެންފައެވެ.
މި ހާދިސާގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެފައިވާ އިރު، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު ފާޅުކުރެވެމުންދެއެވެ.