ދުނިޔެ

އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ 8 މީހަކު މަރުވެއްޖެ

އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ 8 މީހަކު މަރުވެއްޖެ

އިންޑިއާއިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ، ފޮޓޯ: އޭއެފްޕީ

07 މޭ 2025، 10:21

އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ އާންމުންގެ ތެރެއިން 8 މީހަކު މަރުވެ، 35 މީހަކު ޒަޚަމްވެފައިވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިން ވެސް ހިމެނެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން އިއްޔެދިން މި ހަމަލާތަކުގައި ޕާކިސްތާނާއި، ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ނުވަ ސަރަޙައްދަކަށް އިންޑިޔާއިން ވަނީ ހަމަލާދީފައެވެ. މިއީ 'އޮޕަރޭޝަން ސިންދޫރް'ގެ ނަމުގައި އިންޑިޔާގެ އަސްކަރިއްޔާއިން ދީފައިވާ މިސައިލް ޙަމަލާތަކެކެވެ.

މިއީ ޕާކިސްތާނުގެ އެއްވެސް ކުށެއް ނެތި ދިން ހަމަލާއެއް ކަމުން، މި ހަމަލާތަކާ ގުޅިގެން ރައްދު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

"އެއްވެސް ޙައްޤަކާ ނުލައި އިންޑިޔާއިން ދީފައިވާ ޙަމަލާގެ ރައްދު ދިނުމުގެ ޙައްޤު ޕާކިސްތާނަށް ލިބިގެންވޭ—ވަރުގަދަ ރައްދެއް ދިނުމަށް މި ދަނީ ތައްޔާރުވަމުން." ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް  ވިދާޅުވިއެވެ.

މި ހަމަލާ ކުށްވެރިކޮށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި  ހާމަކޮށްފައިވާ ގޮތުގައި، މިއީ ޕާކިސްތާނުގެ އެއްވެސް ކުށެއް އޮވެގެން ދިން ހަމަލާއެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ގައުމުގެ މަދަނީ އުދުހުންތަކަށް ވެސް އަސަރުކޮށްފައިވާކަމަށް ހާމަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އިތުރަށް ހާމަކުރީ، އިންޑިޔާއިން ޙަމަލާ ދީފައި ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ޗާޓަރާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ. އަދި، ނިރުބަވެރި ޖަމާޢަތަކުން ދީފައިވާ ޙަމަލާއެއް ޕާކިސްތާން ސަރުކާރުގެ ކޮނޑުގައި އެޅުވުމަކީ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ވެސް ޕާކިސްތާނުން ސިފަކުރިއެވެ.

ކަޝްމީރް ސަރަޙައްދުގައި އޮތް ދެ ޤައުމު ގުޅޭ 'ލައިން އޮފް ކޮންޓްރޯލް' ނުވަތަ ސަރަޙައްދީ ރޮނގުގައި މިހާރު ދެ ގައުމުން ދަނީ ބަޑީގެ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. އިންޑިޔާގެ މަޞްދަރުތަކުން ބުނީ، އާޓިލަރީ ބަޑި ބޭނުން ކޮށްގެން ޕާކިސްތާނުން ދީފައިވާ ޙަމަލާތަކުގައި ތިން މީހުން ޒަޚަމުވެފައިވާ ކަމުގައެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރިއްޔާއިން ރައްދު ޙަމަލާދީ އިންޑިޔާގެ އަސްކަރިއްޔާގެ ފަސް މަތިންދާބޯޓު ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި، އިންޑިޔާގެ އަސްކަރިއްޔާގެ ބައެއް ސިފައިން ހައްޔަރު ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، އިންޑިޔާގެ އަސްކަރިއްޔާއިން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS