ދީން
އިސްލާމީ ރިވެތި ސަލާމުގެ މުހިންމުކަމާއި މަތިވެރިކަން އަޅުގަނޑުމެން ވިސްނަންވެއްޖެ!

އައްސަލާމް އަލައިކުމް ، އެންމެ ރިވެތި ސަލާމް
އިސްލާމްދީނުގައި ސަލާމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ އެންމެ ފުރަތަމަ ޙައްޤެވެ. ނަމަވެސް، މިއަދުގެ އިސްލާމީ މުޖުތަމަޢުތަކުގައި، ޚާއްޞަކޮށް ދިވެހިރާއްޖޭގައި، މި މުހިންމު އަދަބު އިހުމާލުވަމުންދާކަން ފާހަގަކުރެވެއެވެ. "އައްސަލާމު ޢަލައިކުމް" މި ބަރަކާތްތެރި ކަލިމައިގެ ބަދަލުގައި "ހެލޯ" , "ހައި" "ވަޒްއަޕް" އާއި "ގުޑް މޯނިންގ" ފަދަ ހުޅަނގުގެ ބަހުރުވަ ބޭނުންކުރުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ފޯނަށް ޖަވާބު ދިނުމުގައިވެސް " ހަލޯ" ގެ ބަދަލުގައި އިސްކުރަންވީ އިސްލާމީ ރިވެތި ސަލާމުން ޖަވާބު ދިނުމަށެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވާފައިވެއެވެ.
﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61] މާނައީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!" (ނޫރް:61)
އިސްލާމީ ސަލާމަކީ ހަމައެކަނި ސަލާމެއް ނޫނެވެ. އެއީ ލޯބި، އޯގާތެރިކަން، އަމާންކަމާއި ރައްކާތެރިކަން ފަދަ މާތް މަފްހޫމްތަކެއް އެކުލެވިގެންވާ ދުޢާއެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، މިއީ ﷲގެ ޙަޟްރަތުން ލިބިފައިވާ ބަރަކާތްތެރި، ރަނގަޅު ސަލާމެކެވެ. އެހެންކަމުން، މި ސަލާމުގެ މުހިންމުކަމާއި މަތިވެރިކަން އަޅުގަނޑުމެން ވިސްނަން ޖެހެއެވެ.
ނަމަވެސް، މިއަދުގެ ޖީލުތަކަށް އިސްލާމީ ސަލާމުގެ މުހިންމުކަމާއި އާއި އޭގެ ޙުކުމްތައް އެނގިފައި ނުވާކަން ފާހަގަކުރެވެއެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުން އިހުމާލުވެފައިވާ ކަމެކެވެ. މި ރިވެތި އާދަ އަލުން އާލާކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ.
އިސްލާމީ ސަލާމުގެ ތިން ދަރަޖަ ވާކަން ހަނދާންކުރަން ޖެހެއެވެ. އެންމެ ކުޑަ މިންވަރަކީ "ٱلسَّلَامُ عَلَيْكُمْ" އެވެ. މެދުމިންވަރަކީ "ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ" އެވެ. އެންމެ ފުރިހަމަ މިންވަރަކީ "ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ" އެވެ. މި ސަލާމުގެ ޖަވާބު ދިނުމުގައިވެސް މި ތިން ދަރަޖަ ހިމެނެއެވެ.
އިސްލާމީ ސަލާމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަލުން އާލާކުރަންޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. އަދި ދަރިންނަށް މިކަން ދަސްކޮށްދީ، އެކުދިންގެ ކިބައިގައި މި ރިވެތި އާދަ އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވާޖިބެކެވެ. މިގޮތުން، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިސްލާމީ ސަލާމުގެ އަޑު އުފުލި، މި ބަރަކާތްތެރި ކަލިމަ އާންމުވެގެންދާނެއެވެ.