ޚަބަރު
ރާއްޖޭގައި ޑެންގީ ކޭސްތައް އިތުރުވަނީ: މަދިރިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ޑެންގީ ފަތުރާ އީޑިސް މަދިރި ފޮޓޯ: އިންޓަނެޓް
ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު، މި އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
މިދިޔަ ހަތަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހު 75 ކޭސް، ފެބުރުވަރީ މަހު 80 ކޭސް، މާރިޗު މަހު 73 ކޭސް އަދި އޭޕްރީލް މަހު 124 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަދި އއ. އަތޮޅުންނެވެ. މާލެ ސަރަހައްދުން 134 ކޭސް، ރ. އަތޮޅުން 57 ކޭސް އަދި އއ. އަތޮޅުން 40 ކޭސް ރިޕޯޓުކުރެވިފައިވެއެވެ.
މި ކަންބޮޑުވުން އިތުރުވަމުން އައުމާ ގުޅިގެން، އެޗްޕީއޭއިން ވަނީ ޑެންގީ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަދިރިން ރައްކާތެރިވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި މި އަހަރުގެ ފެބްރުވަރީ މަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ ޑެންގީގެ ކޭސްތައް އިތުރުވަމުން އައުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
Dengue case reporting has increased in some areas across the Maldives! 🦟
— Health Protection Agency (@HPA_MV) May 6, 2025
Let us ALL be like Akko to #fight against #mosquitoes.
Help #eliminate mosquito breeding sites by #draining and #cleaning any objects or areas that may collect stagnant water.#DengueAwareness pic.twitter.com/whQjwtndUF
ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެއް ކަމަށާއި، މި ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10 ދުވަހާ ދޭތެރޭގެ މުއްދަތެއްގައި ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިރުޝާދު ދީފައިވެއެވެ.
ޑެންގީ ހުން ޖައްސާ އީޑީސް މަދިރިން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން ހިމެނެއެވެ. އަދި ހެނދުނު އިރުއަރާ ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި ގިނަވާތީ، ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުން ހިމެނެއެވެ.