ދުނިޔެ
ޣައްޒާގެ ކުޑަކުދިންނަށް އެހީތެރިވުމަށް މަލާލާ ގޮވާލައިފި

މަލާލާ ޔޫސުފްޒައި ފޮޓޯ: އިންޓަނެޓް
ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ މަލާލާ ޔޫސުފްޒައި ވަނީ އަނެއްކާވެސް ޣައްޒާގެ ކުޑަކުދިންގެ ޙައްޤުގައި އަޑުއުފުލައްވާފައެވެ. އޭނާ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައިވަނީ އިންސާނީ އެހީއާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށެވެ. މަލާލާ ވަނީ ޣައްޒާގައި އިތުރުވަމުންދާ ބަނޑުހައިހޫނުކަމާއި ކުޑަކުދިންގެ މަރުގެ އަދަދު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނިއު ޔޯކް ޓައިމްސްގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއެއްގައި ޝާއިޢުކުރައްވަމުން މަލާލާ ވިދާޅުވެފައިވަނީ ފަލަސްޠީނު ކުޑަކުދިންގެ ޙާލަތަކީ "ހިތްދަތިކަމެއް" ކަމުގައެވެ. އޭނާ ވިދާޅުވެފައިވަނީ ޣައްޒާގެ ކުޑަކުދިން ވަނީ ބަނޑުހައިހޫނުކަމާއި ފުރާނައަށް ނުރައްކާވާފަދަ ޙާލަތެއްގައި ކަމަށެވެ. އަދި އެ ކުދިންގެ މުސްތަޤްބަލާއި ސަލާމަތްތެރިކަމަށް ދުޢާކުރައްވާ ކަމަށާއި، އެ ކުދިން ސަލާމަތްކުރުމަށް އެހީތެރިކަމާއި ދިގު މުއްދަތުގެ ސުލްޙަ ޤާއިމުކުރުމަށް އަވަސްވެގަތުމަށް ދުނިޔެއަށް ގޮވާލައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ ބްލޮކޭޑުގެ ސަބަބުން ޣައްޒާގެ ޙާލަތު އިތުރަށް ދަށަށް ގޮސްފައިވާއިރު، ކާނާއާއި، ސާފު ފެނާއި، ބޭސްފަރުވާގެ ދަތިކަން ވަނީ ބޮޑުވެފައެވެ. އދ އާއި އެހެނިހެން އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ވަނީ އެ ސަރަޙައްދުގައި ބަނޑުހައިހޫނުކަން ފެތުރިދާނެކަމުގެ އިންޒާރު ދީފައެވެ. އެތައްހާސް ކުޑަކުދިންނަށް ނުރަނގަޅު ކާނާގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށާއި، ބޭސްފަރުވާގެ ދަތިކަމުގެ ސަބަބުން ބައެއް ބަލިމީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
ހޮލިވުޑްގެ ތަރި އެންޖެލީނާ ޖޮލީވެސް ވަނީ ފަހަކަށްއައިސް މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ޣައްޒާއަކީ ފަލަސްޠީނުގެ ރައްޔިތުންނާއި އެމީހުންނަށް އެހީތެރިވާން މަސައްކަތްކުރާ މީހުންގެ ހަށިތައް ވަޅުލާ ތަނަކަށް ވެފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި އިސްރާއީލުގެ ސިފައިންގެ ޙަރަކާތްތައް އިތުރުކޮށްފައިވާއިރު، މިއަދު ހެނދުނުން ފެށިގެން އައު ވައިގެ ޙަމަލާތަކުގައި މަދުވެގެން 51 ފަލަސްޠަސްޠީނު ރައްޔިތުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.