Ads by Aqeeqa Maldives

ޚަބަރު

ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒު މަރުހަބާ ދަންނަވައިފި

ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒު މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 01:47

05 މޭ 2025، 01:47

ސިންގަޕޫރުގެ ބޮޑުވަޒީރު ކަމުގެ އައު ދައުރަކަށް ލޮރެންސް ވޮންގ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހިއްސާ ކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސިންގަޕޫރުގައި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ވިދިވިދިގެން 14 ވަނަ ޢާންމު އިންތިޚާބު ކާމިޔާބުކޮށް، ހަ ދައުރަށް ދެމިގެން ގޮސްފައިވާ އެ ޕާޓީގެ ވެރިކަން މިވަނީ ދަމަހައްޓާފައެވެ. ޕީއޭޕީން އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އިންތިޚާބަށް ހުޅުވައިލާފައިވާ 97 ގޮނޑީގެ ތެރެއިން 87 ދާއިރާއިން ކާމިޔާބީ ހޯދައިގެންނެވެ. އޭގެ ތެރެއިން 33 ދާއިރާއަކުން ޕީއޭޕީ ވަނީ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބު ކޮށްފައެވެ.



ރައީސް މުއިއްޒުގެ މެސެޖްގައި ވިދާޅުވެފައިވަނީ، ލޮރެންސް ވޮންގްގެ ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ސިންގަޕޫރަށް އިތުރު ކާމިޔާބީ ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް އުންމީދުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 1965 ވަނަ އަހަރު ސިންގަޕޫރަށް މިނިވަންކަން ލިބުނު އިރުވެސް އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔައީ ޕީއޭޕީންކަމެވެ. މިހާރު މި އިންތިޚާބާ އެކު، އެ ޕާޓީގެ ވެރިކަން ވަނީ އަނެއްކާވެސް ދެމެހެއްޓިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS