ދުނިޔެ

އިންޑިއާއިން އިސްލާމްދީނާ ދެކޮޅަށް އުފެދެމުންދާ ނަފްރަތު އިތުރުވަމުން ދިއުމާ ގުޅިގެން އޯއިސީން ބަޔާނެއް ނެރެފި

އިންޑިއާއިން އިސްލާމްދީނާ ދެކޮޅަށް އުފެދެމުންދާ ނަފްރަތު އިތުރުވަމުން ދިއުމާ ގުޅިގެން އޯއިސީން ބަޔާނެއް ނެރެފި

އިންޑިއާގައި ބޭއްވުނު އިއުތިޖާޖެއްގެ ތެރެއިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 01:13

05 މޭ 2025، 01:13

ކަޝްމީރުގައި މުސްލިމުންނާ މެދު ހިންގާ އަނިޔާވެރި ޢަމަލުތަކާއި، އިންޑިއާގައި އިސްލާމްދީނާ ދެކޮޅަށް އުފެދެމުންދާ ނަފްރަތު އިތުރުވަމުން ދިއުމާ ގުޅިގެން އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާ (އޯއައިސީ)ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އާދީއްތަ ދުވަހު ނެރުނު މި ބަޔާނުގައި، އިންޑިއާގެ ކަބްޟާގައިވާ ޖައްމޫ އަދި ކަޝްމީރުގައި ހިނގި ޕަހަލްގާމް ހާދިސާއާ ގުޅިގެން، ހިންދޫ ހަރުކަށި ޖަމާޢަތްތަކުން މުސްލިމުންނަށް ދެމުންދާ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މި މައްސަލަ ބެލުމަށް މިނިވަން ބައިނަލްއަޤްވާމީ ތަޙްޤީޤެއް ހިންގުމަށް ގޮވާލާފައިވެއެވެ.

އިންޑިއާއިން ސޮއިކޮށްފައިވާ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާ ޚިލާފަށް ޢަމަލުކުރަމުންދާކަމަށް ބުނެ، އިންޑިއާގެ މުސްލިމް އާބާދީ ރައްކާތެރިކޮށް، ނަފްރަތު އުފެއްދުން ހުއްޓުވުމަށް އޯއައިސީން ގޮވާލާފައިވެއެވެ. އަދި މިފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް އެދިފައިވެއެވެ.

2019 ވަނަ އަހަރުގެ އޮގަސްޓް 5 ގައި ކަޝްމީރުގެ ޚާއްޞަ ދަރަޖަ  އުވާލުމާމެދުވެސް އޯއައިސީން ފާޑުކިޔާފައިވެއެވެ. އަދި ކަޝްމީރުގެ ސިޔާސީ ޤައިދީން ދޫކޮށްލުމަށާއި، އެ ސަރަޙައްދުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ދިނުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން، އދ. އާއި އޯއައިސީގެ ފަރާތުންއެ ސަރަޙައްދަށް ވަދެ، ޙާލަތު ވަޒަންކުރުމުގެ ފުރުޞަތު ދިނުމަށްވެސް އެދިފައިވެއެވެ.

އޯއައިސީގެ މި ބަޔާނަކީ ޤާނޫނީގޮތުން ލާޒިމްކުރާ އެއްޗެއް ނޫންނަމަވެސް، މުސްލިމް ދުނިޔޭގައި މީގެ ސަބަބުން ބޮޑު ނުފޫޒެއް ފޯރާނެކަމަށް ބެލެވެއެވެ. އަދި މި ބަޔާނުގެ ސަބަބުން ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެކަމަށްވެސް ލަފާކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS