Ads by Aqeeqa Maldives

ޚަބަރު

"ޓޫ އޮފް އަސް" ގެ ކާމިޔާބީއަށް މުޅި ޤައުމު ފަޚުރުވެރިވޭ: ނައިބު ރައީސް

"ޓޫ އޮފް އަސް" ގެ ކާމިޔާބީއަށް މުޅި ޤައުމު ފަޚުރުވެރިވޭ: ނައިބު ރައީސް

ޓޫ އޮފް އަސް ބޭންޑް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 01:02

05 މޭ 2025، 01:02

އިންޑިއާގައި ފާއިތުވި ދުވަސްތަކުގައި ބޭއްވުނު "ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުގައި ދިވެހި ބޭންޑު "ޓޫ އޮފް އަސް" އިން ހޯދި ކާމިޔާބީން މުޅި ޤައުމަށް ފަޚުރުވެރިކަން ގެނެސްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވުނު މި މުބާރާތުގައި "ޓޫ އޮފް އަސް" އިން ވަނީ 3 ވަނަ ހޯދާފައެވެ. މި ކާމިޔާބީ ފާހަގަކުރައްވައި، ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، "ޓޫ އޮފް އަސް" އިން ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.



ނައިބު ރައީސް ވިދާޅުވި ގޮތުގައި، "ޓޫ އޮފް އަސް" ބޭންޑުން ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލެވޭ މޮޅު ކާމިޔާބީއެކެވެ. އަދި ބޭންޑުގެ ހުނަރުވެރިކަމާއި ބުރަ މަސައްކަތުން މުޅި ޤައުމަށް، ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީއެއް ގެނެސްދީ، ފަޚުރުވެރިކުރުވައިފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ކާމިޔާބީއާއެކު އެތައް ދިވެހީންނެއްގެ އުއްމީދު އައުވެ، މިފަދަ ކާމިޔާބީއަށް ވާސިލުވުމުގެ ޢަޒުމުން އައުވެގެންދާނެ ކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތުގައި "ޓޫ އޮފް އަސް" ބޭންޑުން ހުށަހެޅި ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިންގެ، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މުބާރާތުގެ ގްރޭންޑް ފައިނަލްގެ ކުރިން "ޓޫ އޮފް އަސް" އިން ބުނެފައިވަނީ، ސްޓޭޖް މަތީގައި މަދު ބައެއް ތިބި ނަމަވެސް އެ ބޭންޑުން ތަމްސީލު ކުރަނީ މުޅި ދިވެހި ޤައުމު ކަމަށެވެ.

މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި މިފަދަ ގޮތަކަށް ބައިވެރިވެ ދިވެހީންނަށް މިފަދަ ޝަރަފެއް ލިބިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. "ޓޫ އޮފް އަސް" ބޭންޑުގެ މި ކާމިޔާބީން ދިވެހި މިއުޒިކް ސިނާއަތަށް އިތުރު ހިތްވަރަކާއި ފަޚުރުވެރިކަމެއް ގެނެސްދީފައިވާކަން ކަށަވަރެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS