ޚަބަރު
ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ފޮޓޯ:ރައީސް އޮފީސް
ހުޅުމާލޭ ފޭސް 3 ގައި ތަރައްޤީކުރާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގެ ނަމުގައި ޤާއިމުކުރާ މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ވަކިން ޚާއްސަކޮށް ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށެވެ. އަދި މިއީ 2024 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ.
President Dr @MMuizzu attends the groundbreaking ceremony of the Maldives International Financial Centre (MIFC). Covering 830,000 square metres, the MIFC will house over 6,500 residents and welcome more than 35,000 visitors daily—creating a vibrant, living ecosystem of exchange… pic.twitter.com/0BFxx46hWD
— The President's Office (@presidencymv) May 5, 2025
2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް މި މަޝްރޫޢުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.