ޚަބަރު
މިފްކޯއަށް މިދިޔަ ހަފްތާގައި 2041 ޓަނުގެ މަސް ކިރުވައިފި

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ ފޮޓޯ: މިފްކޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މިދިޔަ ހަފްތާގައި 379 މަސްދޯންޏަކުން ޖުމްލަ 2041 ޓަނުގެ މަސް ކިރުވާފައިވާކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި މަހަށް ނުކުތް ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި 379 މަސްދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 361 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ 4.7 އިންސައްތައިގެ އިތުރުވުމެކެވެ.
ނަމަވެސް، މިދިޔަ ހަފްތާގައި މަސް ކިރުވި ދޯނިތަކުގެ އަދަދު އިތުރުވި ކަމުގައިވީ ނަމަވެސް، މިފްކޯއަށް ކިރުވި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ ހަފްތާގައި 2041 ޓަނުގެ މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 2103 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މިއާއެކު، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް 28.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ ހަފްތާގައި 28.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން ގެންދެއެވެ. މިގޮތުން މިހާތަނަށް 488 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދޭން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު އިތުރުވެ، މަސްވެރިކަމުގެ ސިނާޢަތަށް އިތުރު އާރޯކަމެއް ލިބިގެންދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.