Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒުގެ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ސަމާލުކަމަށް

ރައީސް  މުޢިއްޒުގެ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ސަމާލުކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 04:14

04 މޭ 2025، 04:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބޭއްވުނު މި ބައްދަލުވުމަކީ ރާއްޖޭގެ ރައީސަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.

ހެނދުނު 10:00 ގައި ފެށުނު މި ބައްދަލުވުން ދެމިގެން ދިޔައީ މެންދަމު 01:00 އާ ހަމައަށެވެ. ނަމާދު ވަގުތުތަކަށް 15 މިނެޓުގެ ހުސްވަގުތުކޮޅު ފިޔަވައި، 15 ގަޑިއިރުގެ މުއްދަތަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކޮޅަށް ހުންނަވައިގެން އެއްވެސް ވަރުބަލިކަމެއް ނެތި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ޖުމްލަ 36 ނޫސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި 300 އަށްވުރެ ގިނަ ސުވާލު ކުރެވުނެވެ. ރައީސް މުޢިއްޒު ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައެވެ. މިއީ ދުނިޔޭގެ ލީޑަރަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކުރިން މި ރެކޯޑު އޮތީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ 2019 ވަނަ އަހަރު ބޭއްވެވި 14 ގަޑިއިރުގެ ބައްދަލުވުމަށެވެ. އަދި ބެލަރޫސްގެ ލީޑަރު އެލެކްސެންޑަރ ލުކަޝެންކޯ ބޭއްވެވި 7 ގަޑިއިރުގެ ބައްދަލުވުމަށެވެ.

ރައީސް މުޢިއްޒު ވަނީ ކުރިއަށް އޮތްތަނުގައި ގިނަގިނައިން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ހާމަކަން ބޮޑުކޮށް މަޢުލޫމާތު ހާމަކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ރައްޔިތުންގެ އަޑުގެ ނަމުގައި ޚާއްޞަ ޕޯޓަލެއް ޤާއިމްކޮށް، ޚާއްޞަ ޕޮޑްކާސްޓެއް ފަށައި، އަދި "އަހާ" ނަމުގައި ފޯރަމްތައް ބާއްވައި، ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ހާމަކުރަމުން ގެންދަވައެވެ.

މި ހުރިހާ ކަމަކާ ގުޅިގެން، މިއީ މިހާތަނަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހިއްސާކުރާ ސަރުކާރު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ރައީސް މުޢިއްޒުގެ މި ތާރީޚީ ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ހާދިސާއެއް ކަމުގައި ވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS