ޚަބަރު
އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ ޚަބަރު ނުފެތުރުމަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ފޮޓޯ: އަދަދު
އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަން ފާހަގަކުރައްވާ އެކަން ނުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ވަޒީރު މިފަދައިން ގޮވާލެއްވީ އިއްޔެ ރޭ ބޭއްވުނު ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕީއެސްއެމް ނިއުސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ އިންސާނާއަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާކަމަށެވެ. އެމަޤާމަކީ އެއްވެސް މަޚުލޫގަކަށް ނުދެއްވާ މަތިވެރި މަޤާމެއްމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ވަރަށް މަތިވެރި 5 މަޤްޞަދެއް މާތް ﷲ ލައްވާފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އިންސާނާގެ އަބުރާއި ޝަރަފު ހިމާޔަތް ކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭނާގެ މާތްކުރުމުގެ ތެރޭގައި ހިމެނޭކަމެއް އެއީ އޭނާގެ އަބުރާއި ޝަރަފު ﷲ އައްޒަވަޖަލް ރައްކާތެރިކުރުން. މާތްﷲ ވަހީކުރައްވާފައިވޭ، އެއްވެސް ޚަބަރެއް ފާސިގަކު ގެނެސްފިނަމަ އެއާ މެދުގައި ކަށަވަރުކުރާށޭ
ވަޒީރު
ވަޒީރު އިތުރަށް ވިދާޅުވީ އިސްލާމްދީނުގައި އިންސާނާގެ އަބުރު ހިމާޔަތްކޮށްފައިފައިވާކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދެއްކުން ޙަރާމްކުރައްވާފައިވާކަމަށެވެ. އެހެންކަމުން ކޮންމެ މަޢުލޫމާތެއް ނުވަތަ ޚަބަރެއް ގެނެސްދޭއިރު އެކަން ކަށަވަރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.