Ads by Aqeeqa Maldives

ޚަބަރު

"އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" - 2025 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރު

"އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" - 2025 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރު

2024 ވަނައަހަރުގެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 12:15

04 މޭ 2025، 12:15

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން 2025 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރު ހާމަކޮށްފިއެވެ. މި އަހަރުގެ ޝިޢާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" އެވެ.

ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ޝިޢާރުން އަލިއަޅުވާލަނީ ކުދިންގެ އުފާވެރި ހަޔާތަކާއި ދުޅަހެޔޮ ކުރިމަގެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރުގެ މުހިންމުކަމަށެވެ. ޚާއްޞަކޮށް، މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތުތަކާއި، މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ ހަރުދަނާ ގުޅުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މި ޝިއާރުން ބުނެދޭން ބޭނުންވަނީ ކުދިންނަށް އުފާވެރި ހަޔާތެއް އަދި ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ކަމަކީ މައިންބަފައިން ކުދިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތާއި އަދި މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ އުފާވެރި ، ހަރުދަނާ ގުޅުން ކަމެވެ.

އެންމެ ފުރަތަމަ ކަމަކީ 'އުފާވެރި ވަގުތު' އެވެ. މިއީ މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކެވެ. މި ވަގުތުތަކަކީ ކުދިންނަށް ލޯބި، އަޅާލުން އަދި ސަމާލުކަން ލިބޭ ވަގުތުތަކެވެ. ކުދިންނާއެކު ކުޅިވަރުކުޅެ، ވާހަކަދައްކައި، އެކުގައި ކިޔެވުން ފަދަ ކަންކަމުގެ ތެރެއިން ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ކުދިންގެ ހިތްތަކުގައި އުފާވެރިކަމާ ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދޭނެ ކަންކަމެވެ. އަދި މި ކަންކަމުގެ ސަބަބުން އެ ކުދިންގެ ސަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދެއެވެ.

ދެވަނަ ކަމަކީ 'އުފާވެރި ގުޅުން' އެވެ. މިއީ މައިންބަފައިން އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި، ދަރިންނާއި މައިންބަފައިންގެ ދެމެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމެވެ. މި ގުޅުމުގެ ތެރެއިން ކުދިންނަށް ލިބެނީ އަޅާލުމާއި، އެހީތެރިކަމާއި، މަޝްވަރާއާއި، ހިތްވަރެވެ. މިފަދަ ގުޅުމެއްގެ ތެރެއިން ކުދިންނަށް އެމީހުންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ދިމާވާ ދަތިތަކާ ކުރިމަތިލާން ދަސްވެއެވެ. އަދި މައިންބަފައިންނަށް ކުދިންގެ ބޭނުންތަކާއި އުންމީދުތައް ދެނެގަތުމަށް ފަސޭހަވެއެވެ.

މި ދެކަމުގެ ނަތީޖާ އަކީ 'އުފާވެރި ކުދިން' އެވެ. އުފާވެރި ވަގުތާއި އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އިތުބާރު ހުރި، އަމިއްލަ ނަފްސަށް ޔަޤީންކަން އޮތް، އުފާވެރި ދަރިންނަށް ވެގެންދެއެވެ. މިފަދަ ކުދިންނަކީ ތަޢުލީމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އަދި ޖަޒްބާތީ ގޮތުން ކުރިއަރާ ކުދިންނެވެ. އެމީހުންނަކީ ދުނިޔެ ދެކެ ހެޔޮ ގޮތުގައި ދެކޭ، ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ ކުދިންނެވެ.

"އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިޢާރަކީ ކުދިންގެ ތަރުބިއްޔަތާއި ބެހޭގޮތުން ވަރަށް މުހިންމު ޙަޤީޤަތެއް ހާމަކޮށްދޭ ޝިޢާރެކެވެ. އެއީ ކުދިންނަށް ބޭނުންވަނީ ހަމައެކަނި މާއްދީ ކަންކަމެއް ނޫނެވެ. އެމީހުންނަށް ބޭނުންވަނީ ލޯތްބާއި، ސަމާލުކަމާއި، ގާތްކަމެވެ. މިކަންކަން ލިބުމުން، އެމީހުންނަކީ އުފާވެރި، ދުޅަހެޔޮ، ކާމިޔާބު ކުދިންނަށް ވެގެންދާނެކަމަށް ވުޒާރާއިން ހާމަކުރެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS