ޚަބަރު
ރައީސް މުޢިއްޒު ޔޫކްރެއިން ރައީސް ޒެލެންސްކީގެ ރެކޯޑް މުގުރައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޔޫކްރެއިން ރައީސް ވޮލޮޑިމިރް ޒެލެންސްކީ ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 14 ގަޑިއިރާއި 54 މިނެޓުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ރެކޯޑް މުގުރައިލައްވާފައެވެ. މި ބައްދަލުވުން ފެށުނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ނިމުނީ މެންދަމުގެ ފަހުންނެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައީސް މުޢިއްޒު މެދުކަނޑައިނުލައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވި ކަމަށެވެ. މި ބައްދަލުވުމުގައި ނަމާދު ވަގުތުތަކުގައި ކުޑަ ހުސްވަގުތުކޮޅުތަކެއް ނަންގަވާފައިވެއެވެ. ޖުމްލަ ގޮތެއްގައި ހުސްވަގުތުކޮޅުތަކަށް ހޭދަވީ 1 ގަޑިއިރާއި 15 މިނެޓެވެ. އެހެންކަމުން ރައީސް މުޢިއްޒު އެކްޓިވްކޮށް ނޫސްވެރިންނާ މުޢާމަލާތްކުރެއްވި ވަގުތަކީ 13 ގަޑިއިރާއި 40 މިނެޓެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަތުގައެވެ. 2019 ވަނަ އަހަރު ޒެލެންސްކީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ދެމިގެން ދިޔައީ 14 ގަޑިއިރަށެވެ. އޭގެ ތެރެއިން އެކްޓިވް ވަގުތަކީ 12 ގަޑިއިރާއި 30 މިނެޓެވެ. އެހެންކަމުން ރައީސް މުޢިއްޒު ވަނީ ޒެލެންސްކީގެ ރެކޯޑަށްވުރެ 1 ގަޑިއިރަށްވުރެ ގިނަ ވަގުތު އިތުރުކުރައްވާފައެވެ.
ޔޫކްރެއިން ރައީސް ޒެލެންސްކީ ވޯލްޑް ރެކޯޑް ހެއްދެވި ޕްރެސް ބާއްވާފައިވަނީ އިށީދެވަޑައިގެން އިންނަވައެވެ. ނަމަވެސް ރައީސް މުޢިއްޒު ޕްރެސް ނިމެންދެން ހުންނެވީ ކޮޅަށެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ދިގު ބައްދަލުވުން ބޭއްވެވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށެވެ. އަދި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމުކަމާއި، ތެދު، ހަމަހަމަ އަދި ވަކިފަރާތަކަށް ނުޖެހޭ ރިޕޯޓިންގގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި 24 އެއްހާ ނޫސްވެރިން ބައިވެރިވިއެވެ. އަދި ނޫސްވެރިންގެ އިތުރުން ޢާންމު ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ސުވާލުތަކަށްވެސް ރައީސް މުޢިއްޒު ޖަވާބު ދެއްވިއެވެ. ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށް ކެއުމާއި ބުއިން ހަމަޖައްސައި ދެވުނެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރަމުންދާކަން ފާހަގަކުރައްވައި، ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ 2025 ވަނަ އަހަރުގެ ވަރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ދެ ގޮނޑި މައްޗަށް އަރައި 104 ވަނައަށް ގޮސްފައިކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.