ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ޒަމާނީ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް އަޅަން ނިންމައިފި

ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި އިމާރާތް ފޮޓޯ:އެޓޯލް ޓައިމްސް
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަލިފާނުގެ ހާދިސާއެއް ހިނގި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޯކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެތަން ތަރައްޤީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަންވެސް ކުރިއަށްގެންދެވޭނެގޮތަށް. އެ ސަރަޙައްދަށް ތަރައްޤީއެއް ގެނެވޭނެ
ރައީސް މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތްތަކުގައި އޭރު ހިންގަމުން އައީ ތިން ވުޒާރާއެކެވެ. އެއީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ބިނާވެށްޓާ ބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއެވެ. މި ހާދިސާގައި އިމާރާތްތައް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ދިޔައެވެ.
މިހާރު މި ވުޒާރާތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ދަރުބާރުގޭގައެވެ. އައު ކޮމްޕްލެކްސް އެޅުމުން މި ވުޒާރާތަކުގެ އިތުރުން އެހެނިހެން ބޭނުންތަކަށްވެސް އެ އިމާރާތް ބޭނުންކުރެވޭނެއެވެ.