Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒު ދުނިޔޭގެ ރެކޯޑު ހައްދަވައިފި: 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެެއް

ރައީސް މުޢިއްޒު ދުނިޔޭގެ ރެކޯޑު ހައްދަވައިފި: 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 10:09

04 މޭ 2025، 10:09

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ދުނިޔޭގެ ރެކޯޑެއް ހައްދަވައިފިއެވެ. މި ބައްދަލުވުން ފެށުނީ އިއްޔެ ހެނދުނު 10:00 ގައި ކަމަށާއި، ގާތްގަނޑަކަށް 15 ގަޑިއިރު ދެމިގެންދިޔަ މި ބައްދަލުވުން ނިމުނީ ރޭ މެންދަމު 01:00 ޖަހަނިކޮށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ބައްދަލުވުން ފެށްޓެވުމާއެކު ރައީސް މުޢިއްޒު ވިދާޅުވީ ނޫސްވެރިން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބުދެއްވާނެ ކަމަށެވެ. އަދި އެއީ އަނެއް ދުވަހާ ހަމައަށް ދިގުދެމިގެން ދިޔަކަމުގައިވިޔަސް ކަމަށްވެސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޙަޤީޤަތާ އެއްގޮތަށް، ހަމަހަމަކަމާއެކު އަދި ވަކިފަރާތަކަށް ނުޖެހި ޚަބަރު ފެތުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނަމާދު ވަގުތުތަކަށް ކުޑަ ހުސްވަގުތުކޮޅުތަކެއް ދެއްވައިގެން ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު އާންމު ރައްޔިތުން ނޫސްވެރިން މެދުވެރިކޮށް ހުށަހެޅި ސުވާލުތަކަށްވެސް ޖަވާބު ދެއްވިއެވެ. މި ބައްދަލުވުން ބޭއްވުނީ މނީ މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖޭގެ ދަރަޖަ ރަނގަޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މުޢިއްޒުގެ މި ބައްދަލުވުމަކީ ދުނިޔޭގެ ވެރިޔަކު މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީއަށެވެ. ޒެލެންސްކީ 14 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށްފައިވެއެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށާއި، މަޢުލޫމާތު ހޯދުމުގެ ފުރުޞަތު އިތުރުކުރުމަށާއި، ނޫސްވެރިކަމުގެ ވަސީލަތްތައް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި އަމިއްލަ މީޑިއާތަކަށް އެހީތެރިވުމަށް ބަޖެޓުން ފައިސާ ކަނޑައެޅުން ހިމެނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS