ވިޔަފާރި / ޚަބަރު
ފަތުރުވެރި ހަރަކާތްތައް މަދު އަތޮޅުތަކުގައި އެކަން އިތުރުކުރުމަށް 5 އަތޮޅަކަށް ލުއިތަކެއް ދެނީ

ރާއްޖޭގެ ރިޒޯޓެއް ---
ފަތުރުވެރި ހަރަކާތްތައް މަދު އަތޮޅުތަކުގައި އެކަން އިތުރުކުރުމަށް ފަސް އަތޮޅަކަށް ލުއިތަކެއް ދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލުއި ދިނުމަށް ނިންމާފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ. ހދ. ށ. ތ. އަދި ލ އަތޮޅެވެ. އެގޮތުން އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ލުއިތައް ދިނުމަށްޓަކައި ލޭންޑް އިކުއިޒިޝަން ކޯސްޓާއި އިމްޕޯޓް ޑިއުޓީއިން ޚާއްސަ ލުއިތަކެއް ދިނުމަށް ކަމާބެހޭ ޤަވާއިދަށް ބަދަލުގެނެސް މިމަހު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ވިދާޅުވެފައެވެ. ނަމަވެސް ރައީސް ވިދާޅުވީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކި މުއްދަތަކަށް ކަމަށެވެ. އަދި މުއްދަތު ހަމަވުމުން އާއްމު އަގުތަކަށް އެ އަތޮޅުތަކުންވެސް ޓެކްސް ފައިސާ ނަގާނެ ކަމަށެވެ.
އަދި އައްޑޫ ސިޓީއަށް ފަތުރުވެރިކަން ފުޅާކުރުމަށް ބިޔަ މަޝްރޫޢުއެއް ހިންގުމަށް ނިންމާފައިވާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު މި މަޝްރޫޢަށް ފައިސާ ހޯދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން ހުޅުވާލާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ދަނީ މިހާރު މަސައްކަތް ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށްވެސް އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިކުރެވޭ މަސައްކަތްތަކާއި އެކު މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.